ކުރިއަށް އޮތް ތިން ދުވަހު ވަރަށް މޫސުން ގޯސް ވާނެ: މެޓް
ދެންމެ | 30 ޖޫން 2022

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ މިދުވަސް ވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ބުނެއެވެ.

މިރެއިން ފެށިގެން ހަފްތާ ބަންދާއެކު ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި އާންމު ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެއެވެ.

މީގެއިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ލަފާކޮށްފައެވެ.

މިއަދު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށާއިރު ގިނަ ބަޔަކު ރަށްރަށަށް ދަތުރު ކުރާނެތީ، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

”ވީމާ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމީ މައުލޫމާތަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ،“ މޫސުމާ ބެހޭ އިދާރާގެ ބަޔާނުގައިވެއެވެ.

ރޭ ވެސް ކަނޑުމަތީގެ ހަތް ހާދިސާއެއް ރިޕޯޓުކޮށްފައިވާ އިރު، އޭގެ ތެރޭގައި ލޯންޗަކާއި ދޯންޏެއް ބަންޑުން ޖަހާލައި ބަޔަކު ކަނޑުވި ހާދިސާ ހިމެނެއެވެ. އެކަމަކު، މި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

މޫސުމާ ބެހޭ އިދާރާ އިން އެންމެ ފަހުން ވަނީ ތ.އަތޮޅުން ފެށިގެން އައްޑޫ ސިިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ރީންދޫ ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައި ވަނީ ހދ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ހަމައަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!