ދިވެހިންނަށް އޭސީ އާއި އައިސް އަލަމާރި ހަދަން ދަސްކޮށްދޭން އެއްބަސް ވެއްޖެ
ދެންމެ | 23 އޮކްޓޯބަރ 2024

ރާއްޖޭގައި އެއާކޮންޑިޝަނިން އަދި ރެފްރިޖިރޭޝަން ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުން ތަމްރީން ކުރުމަށް އަމާޒުކޮށްގެން މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު ޠާރިޤު އިބްރާހިމް އާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސަރ ދޫޝާން ކަމާލުއްދީނެވެ. މި އެއްބަސްވުމަކީ 3 އަހަރުގެ މުއްދަތަށް އެކުލަވާލެވިފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ރެފްރިޖަރޭޝަން އަދި އެއާކޮންޑިޝަނިން ދާއިރާގެ ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، އެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމާއި، ރެފްރިޖަރެންޓް ރީސައިކަލް އަދި ރިކްލެމޭޝަން މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ރެފްރިޖިރޭޝަން އަދި އެއާކޮންޑިޝަނިން ސަރވިސިން ދާއިރާގައި މަސައްކަތްކުރާ މީހުން ބިނާކޮށް، ޓެކްނީޝަނުންގެ ޤާބިލުކަން އިތުރުކޮށް، މި ދާއިރާ އިތުރަށް ހަރުދަނާ ކުރުމެވެ. މީގެ އިތުރުން، މި ދާއިރާގައި ވަޒީފާގެ ފުރުޞަތުތައް އުފައްދައި، މުސްތަޤްބަލުގައި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ ލައިސަންސްއެއްގެ ދަށުން މަސައްކަތްކުރާ ބަޔަކަށް ހެދުމަށްވެސް މި އެއްބަސްވުން އަމާޒުކުރެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެއާކޮންޑިޝަނިން އަދި ރެފްރިޖިރޭޝަން ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ފަންނީ ހުނަރުވެރި ޓެކްނީޝަނުން އުފެދި، ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!