ކޯނީ ރިޕޯޓް ގެއްލިއްޖެ ކަމަށް ރައީސް އިބުރޭ ބުނެފި
ދެންމެ | 04 ސެޕްޓެމްބަރ 2023

ކުރީގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012 ގައި ނިމިގެން ދިޔަ ގޮތް ބެލުމަށް ރައީސް ޑރ.ވަހީދުގެ ސަރުކާރުން އުފެއްދި ކޮމިޝަން އޮން ނޭޝަނަލް އިންކުއަރީ (ކޯނީ) އިން އެ ހާދިސާއާއި ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓު ގެއްލިފައިވާ ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިތުރުފުޅު ހައްދަވައިފިއެވެ.

ހދ.ނޭކުރެންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވީ ކޯނީގެ ރިޕޯޓު މިހާރު ނެތް ކަމަށާއި އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައި ކަމަށެވެ. އަދި އެއީ ދައުލަތުގެ ބޮޑު ސިއްރެއް ކަމަށާއި އެ ރިޕޯޓު ގެއްލުނު މައްސަލަ ތަހުގީގުކޮށް ޒިންމާވާ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

”ކުރީ ދުވަހެއްގެ ޑިބޭޓުގައި ކޮންމެވެސް ބޭފުޅަކު ވިދާޅުވި ކޯނީ ރިޕޯޓެއްގެ ވާހަކަ. މިހާރު އެ އޮތްތޯ ބައްލަވާ. އެ ވީތަނެއް ނޭނގެ މިހާރު. އެ މައްސަލަ ބަލަން އަޅުގަނޑުމެން ވާނީ މިހާރު ފުލުހަށް ހުށަހަޅާފައި. މިއީ ދައުލަތުގެ ބޮޑު ސިއްރެއްތޯ. މިއަދަކު އެއެއް ނެތް. އެކަން ބަލާ ތަހުގީގު ކުރީމަ އެނގޭނެ އޭގެ ޒިންމާވާ މީހާ“ ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މިފަދައިން ވިދާޅުވި ނަމަވެސް ކޯނީގެ ރަސްމީ ވެބްސައިޓުގައި މިހާރުވެސް އެ ރިޕޯޓު ފެންނަން އެބައޮތެވެ. ކޯނީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަން ނިމުނީ ބަޣާވާތަކުންނެއް ނޫނެވެ.

އެއީ ބަޣާވާތެއްކަމަށް އެމްޑީޕީން އަބަދުވެސް ބުނަމުން އައި ނަމަވެސް ރައީސް އިބްރާހީމް އެމްޑީޕީގެ ކޮންޓްރޯލް ނެގިފަހުން, ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ރައީސް ނަޝީދަށް ވެރިކަންކުރަން އެނގިވަޑައިނުގަންނަވާތީ ކަމަށް ދަނީ ބުނަމުންނެވެ.

ކޯނީ ރިޕޯޓު ގެއްލިފައިވާ ކަމަށް ބުނެ ރައީސް އިބްރާހީމް އިތުރުފުޅު ހައްދަވާފައިވާއިރު, ކެމްޕެއިން ޖަލްސާތަކުގައި ރައްޔިތުންނަށް އޮޅުވާލަން ރައީސް އިބްރާހީމް ދަނީ މި ނޫނަސް އިތުރުފުޅުތައް ހައްދަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!