ރައީސްގެ ބައްޕާފުޅަށް ފަޑިޔާރު ހެދުންކޮޅާއި ފިލައެއް އަރުވައިފި
ދެންމެ | 27 އޮކްޓޯބަރ 2024

ރައީސް މުހައްމަދު މުއިއްޒުގެ ބައްޕާފުޅު، އަލްމަރުހޫމް ހުސެން އަބްދުއްރަހްމާންގެ ފަނޑިޔާރު ހެދުންކޮޅު އެމަނިކުފާނަށް މިއަދު ހައި ކޯޓުން ހަދިޔާކޮށްފި އެވެ.

ރައީސްގެ ބައްޕާފުޅަކީ ރާއްޖޭގައި ހައިކޯޓުގެ ފުރަތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާއެވެ.

ރައީސްގެ ބައްޕާފުޅުގެ އަގުވަޒަންކުރުން އޮތީ ހައިކޯޓުގެ 44ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ސީއެޗްއެސްއީގައި އޮތް ހަފްލާގެ ތެރެއިންނެވެ.

ދީނީ އިލްމުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝައިހް އަބްދުއްރަހްމާން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވީ 1980 ވަނަ އަހަރު އެވެ. އޭގެފަހުން ޝައިހު އަބްދުއްރަހްމާން އެޓާނީ ޖެނެރަލްގެ ނައިބުކަމުގެ މަގާމު ވެސް އަދާ ކުރެއްވި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2013 ވަނަ އަހަރު ޝައިހް އަބްދުއްރަހްމާނަށް ވަނީ ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމާއި ދީނީ ތައުލީމަށް ކުރެއްވި ހިދުމަތާ ގުޅިގެން ގައުމީ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ.

އެމަނިކުފާނު އަވަހާރަވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެން އުޅުއްވަނިކޮށް، 2015ގަ އެވެ. އޭރު މުއިއްޒު ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ހައުސިން މިނިސްޓަރުކަމުގެ މަގާމުގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!