މިއީ އަމިއްލަ އުންމީދު އިސްކޮށް ވެރިކަމަށް ފައި ނަގަންވީ ވަގުތެއް ނޫން: ރައީސް ނަސީދު
ދެންމެ | 08 ޖޫން 2022

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް މިއަދު ފާޅުކުރެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކަމަށް ރައްދުދެއްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށްވެސް އަދި އެހެން ޕާޓީއަކަށްވެސް ރިޔާސީ އިންތިހާބުގައި 50 ޕަސެންޓް ވޯޓު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށާއި ނަމަވެސް އެމަނިކުފާނާއެކު ތިއްބެވި ކޯލިޝަންގެ ބައިވެރިންނާއެކު އެމްޑީޕީއަށް ވެރިކަން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެކަމަށް ރައްދުދެއްވައި ނަޝީދު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތަކާ މެދު ވިސްނައި ހަމަ މަގަށް އަޅުވަންވީ ވަގުތު ކަމަށެވެ.

”ވަރަށް ގިނަ ބޭފުޅުން ޓެކްސްޓް ކުރައްވާތީ ދަންނަވަން. އަޅުގަނޑަށް ފެންނަ ގޮތުގައި މިއަދުގެ ހާލަތަކީ އަމިއްލަ އުންމީދު އިސްކޮށް ވެރިކަމަށް ފައި ނަގަންވީ ވަގުތެއް ނޫން،“ ނަޝީދު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނަކާއެކު ކަމަށާއި ވެރިކަން ދަމަހައްޓަން އެދޭނަމަ އެކަމަށް އޮތް ”ޗޮއިސް“ އަކީ އެމަނިކުފާނު ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕްރައިމަރީއެއް ބާއްވައިގެން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން އޮތް ނަމަ، އެކަން ކުރަން ޖެހޭނީ އެގޮތަށް ކަމަށެވެ. އަދި ޑިމޮކްރެޓިކް އެންމެ ރަނގަޅު ގޮތަކީ ވެސް ޕްރައިމަރީއެއް ބާއްވައިގެން ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ މުޅި ރާއްޖެއަށްވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ކޯލިޝަނެއްގެ އެހީތެރިކަމާއެކު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!