ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމަށް ޔެލޯ އެލަރޓް ނެރެފި
ދެންމެ | 01 ޖުލައި 2022

މޫސުން ގޯސްވާނެކަމަށްބަލައި ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި އެލަރޓް ނެރެފައިވަނީ ހުކުރު ދުވަހުގެ ރޭ 8:00 ން 12:00 ގެ ނިޔަލަށެވެ.

އެލަރޓް ނެރފައިވާ ވަގުތުތަކުގައި ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނީ ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު ގައި ވާރޭ ވެހޭ މިންވަރު ގިނަވެ، މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެމްއެންޑީއެފުން ބުނީ މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރުގަދަވެ، ކުރިއޮތް ތިން ދުވަހު ވިއްސާރަކޮށް، ގުގުރައި، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާކަމަށެވެ. އަދި ހަފުތާ ބަންދާއެކު، ޚާއްސަކޮށް އުތުރުއާއި މެދުރާއްޖެތެރޭގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.

މީގެ އިތުރުން މި ދުވަސްވަރަކީ ސްކޫލް ބޮޑުޗުއްޓީގެ ދުވަސްވަރަށްވެފައި ގިނަބަޔަކު ކަނޑުމަގުން ދަތުރުކުރާނެކަމަށް ލަފާކުރެވޭތީ، މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ. އޮޑިވެރިންނާއި، ކެޕްޓަނުންނާއި، ފަޅުވެރިންނާއި އަދި ދަތުރުތަކުގައި ބައިވެރިވާ ފަރާތްތަކުންވެސް، ދަތުރުކުރެވެނީ ސަލާމަތްތެރި ރައްކާތެރި އުޅަނދެއްގައިކަން ޔަޤީންކުރުމަށްފަހު ކަނޑުމައްޗަށް އެރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!