އަދުގެ ސަރުކާރުން ބޭނުންވަނީ ގައުމު ތަރައްގީވެ ރައްޔިތުން މުއްސަނދިވާން ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން އިފުތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައު ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެންޕެއިން ތެރޭގައި އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ދެމެހެއްޓެވިނިވި ތަރައްގީގެ ވިސްނުމުން، އެންމެހައި ދިވެހި ރައްޔިތުންގެ ބައިވެރިވުމާއެކު 20 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުން ކަމަށެވެ.
އަދި ސިޔާސީ ފިކުރުގެ އަވާގައި ޖެހިގެން، އެ އިރެއްގެ ވެރިކަމުގައި އޮންނަ ސިޔާސީ ޕާޓީގެ ފިކުރަށް އަބަދު ބަދަލުތައް އަންނަ ގޮތަށް ގައުމުގެ ތަރައްގީގެ ކަންކަން ގެންދާ ނަމަ ރައްޔިތުންނަށްއެއިން އެންމެ ފައިދާ ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަދު ކަންކަން ވަމުންދަނީ އެފަދައިންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އެކަން ބަދަލުކޮށް ރައްޔިތުން އެދޭ ގޮތަށް ރައްޔިތުން ކަނޑައަޅާ މަގަކުން ދިޔުމުން ގައުމަށް ތަރައްގީ ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
އެހެންވެ އަޅުގަނޑު ނިންމީ ގައުމީ ތަރައްގީއާ ބެހޭ ގާނޫނެއްވެސް އެކުލަވާލައިގެން މިކަން ކުރިއަށް ގެންދަން. އެކަމާ ބެހޭ މަސައްކަތްވެސް ކުރިއަށް ދާނެ. މި ގާނޫނަކީ ގާނޫނު އަސާސީވެސް ރިކޮގްނައިޒްކުރާ ކަމަކަށް ހެދުމަށް ގާނޫނު އަސާސީއަށްވެސް އިރާދަކުރެއްވިއްޔާ އިސްލާހެއް ގެންނާނަން.
ރައީސް ޑރ މުޙައްމަދު މުޢިއްޒު
އެފަދަ ގާނޫނެއް އެކުލަވާލެވި ގާނޫނު އަސާސީއަށް އިސްލާހް ގެނައުމުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ މަގުން ކަންކަން ދާނެކަން ޔަގީން ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެން ބޭނުންވަނީ ގައުމު ތަރައްގީ ކުރަން. ރައްޔިތުން މުއްސަނދިވާން. ފުދުންތެރިވާން. ގެދޮރުވެރިކަން އެންމެނަށް ލިބިގެންދާން. ތަފާތު ކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެކަން ޔަގީންވާން. އަޅުގަނޑުމެންގެ ސިއްހީ ކަންކަމާއި ތައުލީމީ ކަންކަން އަދި އިޖްތިމާޢީ ހުރިހާ ކަންކަމެއްވެސް އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް ގެންދަން.
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ރައީސް އިތުރަށް ވިދާޅުވީ، އެ މަނިކުފާނުގެ އަމާޒަކީ 2040 ވަނަ އަހަރު އަންނައިރު ހުރިހާ ގޮތަކުން ވެސް ރާއްޖެއަކީ އެއްކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ގިންތިކުރެވިގެން ދިއުން ކަމަށެވެ. އެއީ، އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ، ނުކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.