އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒު ވާދަ ކުރަނީ ރައީސް ސޯލިހްގެ ރަނިންގ މޭޓްކަން ނުދިނީމަ ތަ!
ދެންމެ | 15 އޮކްޓޯބަރ 2022

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ވާދަ ކުރައްވާނެ ކަން މިހާރު ވެސް އިއުލާންކޮށްފައިވާއިރު، އެމްޑީޕީގެ ޗެއަރޕާސަން އަދި ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު އިސްމާލް ވެސް ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަން ލޮބީ ކުރައްވަމުން ގެންދަވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އިއުލާން ކުރުމަށް ރައީސް ސޯލިހް ވެސް މިހާރު ފައްޔާޒަށް ދަންނަވާފައިވާއިރު، ޕްރައިމަރީ އިއުލާން ކުރުން ފައްޔާޒު ލަސް ކުރަމުން ގެންދަނީ ސީދާ އޭނާ ޕްރައިމަރީގައި ވާދަކޮށް ރިޔާސީ ޓިކެޓް ދަމައިގަތުމުގެ ދަހިވެތި ކަމުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

އިކޮނޮމިކް މިނިސްޓަރު ކަމާއި އެމްޑީޕީގެ ޗެއަރޕާސަންކަން ވެސް ކުރައްވަމުން ގެންދަވާ ބަގުރޫޓް ވިޔަފާރިވެރިޔާގެ ފައްޔާޒާއި ހަވާލާދީ އޭނާގެ އަރިސްބޭފުޅަކު ވިދާޅުވީ މިހާރު ވެސް މުޅި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ގައުމީ މަޖިލިސް ވެސް ކޮންޓްރޯލްކޮށް ހިންގަމުންދަނީ އެމަނިކުފާނު ކަމަށާއި ހަގީގަތުގައި މިއަދު ގައުމު ހިންގަމުންގެންދަނީ ފައްޔާޒު ކަމަށެވެ.

ފައްޔާޒާއި ހަވާލާދީ ނަން ހާމަނުކުރުމަށް ސަރުތުކޮށް އޭނާ ބުނީ ފައްޔާޒު މުށުދަަށުގައި މުޅި ދައުލަތުގެ ކޮންޓްރޯލް މިހާރު އޮތް ކަމަށާއި ރިޔާސީ ޕްރައިމަރީއަށް އިއުލާންކުރާނީ ހުރިހާ ފަރާތަކާއި އެކު މަސްވަރާކުރެވި ފައްޔާޒު ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ވާނެ ކަން ޔަގީން ވުމުން ކަމަށެވެ.

“ ފައްޔާޒު ވިދާޅުވަނީ މިހާރު އޮތީ ދެ ގޮތެއް ކަމަށް. އެއީ ރައީސް ސޯލިހްގެ ރަނިންގ މޭޓްކަން ފައްޔާޒަށް ދެއްވުން. ނޫނީ ރިޔާސީ ޕްރައިމަރީގައި ފައްޔާ ވާދަ ކުރައްވާނެ. ހަގީގަތުގައި ރައީސް ނަސީދާއި ވާދަކޮށް ރައީސް ސޯލިހަށް ޕްރައިމަރީ ކާމިޔާބެއް ނުކުރެވޭނެ. ހަމަ އެކަނި ރައީސް ނަޝީދު ބަލި ކުރެވޭނެ ބޭފުޅަކީ ފައްޔާޒުކަމަށް އެމަނިކުފާން ގަބޫލު ކުރައްވާ.“ ނަން ނުޖެހުމަށް ސަރުތުކޮށް އޭނާ ބުންޏެވެ.

މިދިޔަ ހަފްތާގައި ވެސް ފައްޔާޒުގެ ގާތް ބޭފުޅުންނާއި އެކު ވަރަށް ބޮޑަށް ސިޔާސީ ބޭފުޅުން މަސްވަރާ ކުރެއްވި ކަމަށާއި މިހާރު ވެސް ގައުމުގެ ބައެއް ކަމުވެށިގެންވާ ބޭފުޅުންނާއި ވިޔަފާރިވެރިންނާ އެކު މަސްވަރާތައް ކުރެވިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!