ބައެއް މީހުން ކައިވެނިކުރަނީ ބައިވެރިޔާގެ ކިބައިން ލިބިދާނެ ދުނިޔަވީ ފައިދާތަކަކަށް ބަލައިގެންނެވެ. ނަމަވެސް ހިތާމައާއިއެކު ބުނެލަން އޮތީ އެއީ ކުރަން ހެޔޮވާވެރުގެ ކަމެއް ނޫނެވެ. ސަބަބަކީ ކޮންމެ މީހަކު ނަމަވެސް ތިމާ އެމީހަކު ލޯބިނުވާ މީހަކާއި އޭނާގެ ތަނަވަސްކަމަށްޓަކައި ކައިވެނިކުރުމަކީ އެމީހެއްގެ އަމިއްލަ ނަފްސަށްދެވޭނެ އެންމެ ބޮޑު އަނިޔާކަމަށްވާތީއެވެ. ވީމާ ކައިވެނިކުރާއިރު އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ނޫންނަމަ ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ.
މިއީ އަހުރެން ބުނާ ވާހަކައެއް ނޫނެވެ. އަހުރެންނަށްވުރެ ބޮޑުތަނުން ދޮށި، ތަނަވަސް މީހަކާއި އަހުރެން ކައިވެނިކުރަން އުޅުނުއިރު މަންމަ ދިން ނަޞޭޙަތެކެވެ.
އަދިވެސް މަންމަ ބުންޏެވެ. ދަރިފުޅު އެމީހަކުދެކެ ލޯބިނުވިނަމަވެސް އެމީހަކު ދަރިފުޅު ދެކެ ލޯބިވާ މީހަކާއި ކައިވެނިކުރެވިއްޖެނަމަ އޭނާގެ ހެޔޮކަން ވަރަށް ބޮޑަށް ލިބޭނެއެވެ. އޭނާގެ ލޯބިވެސް ދާނީ ލިބެމުންނެވެ. އެކަމަކު އެއީ ތަނަވަސްކަން ނެތް މީހަކު ނަމައެވެ. އެއިގެ ބަދަލުގައި ތަނަވަސްކަން ހުންނަ ގިނަ މީހުންގެ ކިބައިން ލޯތްބެއް ނުލިބޭނެއެވެ. ސަބަބަކީ އެމީހުންނަށް އެއްވެސް އަންހެނަކީ ޚާއްޞަ އަންހެނަކަށް ނުވާނެތީއެވެ. އެމީހުންގެ ފަހަތުން އެނބުރޭ އަންހެނުން ވަރަށް ގިނަވާނެއެވެ. ވީމާ އެއްވެސް އަންހެނަކަށް ޚާއްޞަވާކަށް އެމީހުން ބޭނުމެއް ނުވާނެއެވެ.
ތަކުރާރުކޮށް ކަންމަ ދެމުން އައި މިނަޞޭޙަތްތަކަށް އަހުރެން ވިސްނީމެވެ. އެހެންވެ އޭނާ ގާތު ބުނީމެވެ. ކައިވެނިކުރުމުގެ ކުރިން ދައްކަން ޖެހޭ ވާހަކައެއް އެބައޮތެވެ. އަދި އަހުރެން ބޭނުންވާ ކަންތައްތަކެއްވެސް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް އަހުރެން ބޭނުންވަނީ މިހާރުވެސް ތިއަ ލޯބިދޭވަރަށް އަހުރެންނަށް އަބަދުވެސް ލޯބިދޭނެ ކަމުގެ ޔަޤީންކަމެވެ. ދެން ބޭނުންވަނީ އަހުރެންގެ ކުށެއް ނުފެންނަނީސް ވަރިނުކުރާނެ ކަމުގެ ޔަޤީންކަމެވެ. ދެން ބޭނުންވަނީ އަހުރެންގެ ކުށަކާއި ނުލައި އަހުރެން ވަރިކުރާނަމަ ދޭނެ ބަދަލު ބަޔާންކުރުމެވެ. މިކަންކަން ބަޔާންކުރާ ލިޔުމެއްގައި ސޮއިކުރަންވެސް ބޭނުންވެއެވެ.
އޭނާގެ ޖަވާބަކަށްވީ ތިއަދައްކަނީ ކުޑަކުދިން ދައްކާ ޒާތުގެ ވާހަކަތައްކަމެވެ. އެހިސާބުން އަހުރެން ބުނީ ކުޑަކުދިންނާއި ކައިވެނިކުރަން ރަނގަޅުނުވާނެ ކަމަށެވެ. އެހެންވެ މިކަން ހުއްޓާލާފައި ގެއަށްދަނީ ކަމަށެވެ. ބުނަން ހެއްޔެވެ؟ އެހެން ބުނެފައި އަހުރެން ތެދުވެ ހިނގައި ގަތުމުން އެންމެ ކުޑަމިނުން އޭނާ އަހުރެންނަށް ބަލައިވެސް ނުލިއެވެ.
އަހުރެން އެނބުރި ގެއަށް ދިއައީ އުފަލުގަ ހުރެގެންނެވެ. މަންމަ ތަކުރާރުކޮށް ދެމުން އައި ނަޞީޙަތް ޤަބޫލުކޮށް ޢަމަލުކުރުމުން މަންމަ ދިން ނަޞީޙަތަކީ ތެދެއްކަން ހާމަވީތީއެވެ.
މަންމަ ދިން ނެޞީޙަތަކީ ވަރަށް ފައިދާހުރި ނަޞޭޙަތެއްކަން ޔަޤީންކުރެވުމުން އަހުރެން ބޭނުންވީ މިއަދުނޫހުގެ ކިޔުންތެރިންނަށްވެސް ޙިއްޞާކޮށްލާށެވެ. ވިސްނައި ޢަމަލުކޮށްފިނަމަ ފައިދާކުރާނެކަން ޤަބޫލުކުރެވޭތީއެވެ.
– މިއަދުނޫހުގެ ކިޔުންތެރިއެއް