ކަންނައްނޫރު އަލީ ރާޖާއަށް ޖިޒީ ދެއްކި ގޮތަށް ސަރުކާރުން ގާސިމަށް ޖިޒީ ދައްކާ: ބޮންޑޭ
ދެންމެ | 03 ޖުލައި 2022

ބަގާވާތް ކުރި މީހުންގެ ތެރޭގައި އިސްކޮށް ތިއްބެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާންކަމަށާއި، އެހެންކަމުން ބަގާވާތަށް ބިރުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެބޭފުޅުންނަށް ޖިޒީ ދައްކަވާކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދުވިދާޅުވީ ގާސިމް އަދި އިމްރާން އާއި ވަކިން ކޯލިޝަން ރޫޅާލައި ވެރިކަމަށް އައުމަށްފަހު ބަގާވާތްކޮށް ސަރުކާރު ވައްޓާލުމަށްޓަކައި ބަގާވާތް ކޮށްފާނެކަމުގެ ބިރުގައި ރައީސް ސާލިހު ހުންނަވާކަމަށެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އިބްރާހީމް ރަޝީދު ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަން ދަމަހައްޓަމުން ދާ ގޮތަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. އިބްރާހީމް ރަޝީދު ވިދާޅުވީ އެމްޑީޕީން ވެރިކަން ދެމެހެއްޓުމަށްޓަކައި ކޮންމެެ ފަހަރަކު ކަންނަނޫރު އަލީ ރާޖާގެ ގާތަށް ދާން ނުޖެހޭނެކަމަށެވެ. ކަންނަންނޫރު އަލީ ރާޖާގެ ނަމުން އޭނާ ސިފަ ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ބެލެވެއެވެ.

އިބްރާހީމް ރަޝީދުގެ ވާހަކައިން ދޭހަވީ ރައީސް ވެރިކަން ކުރައްވަނީ ބަޔަކަށް ބިރުން ހުންނަވައޮގެން ކަމަށެވެ. އަދި ރައީސް ސާލިޙްއަކީ ގައުމަށާއި ރައްޔިތުންނަށް ގެއްލުންވި ނަމަވެސް ވެރިކަން ދިިފާއުކުރެއްވުމަށްޓަކައި ގައުމުގެ މިނިވަންކަންވެސް ނަގާލާނެ ވެރިއެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ. ވެރިކަން ހޯދަންވަން ވާހަކަ ދައްކަވަން ޖެހޭނީ ގައުމުގެ ރައްޔިތުންނާއިކަމަށާއި ވެރިންގެ ގާތުން ވެރިކަން ގަދަކަމުން ހޯއްދަވަމުން ރައީސް ސާލިހު މަސައްކަތް ކުރައްވަނީކަމަށް އިބްރާހީމް ރަޝީދު ސިފަ ކުރެއްވިއެވެ.

އެމްޑީޕީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް ކާމިޔާބު ކުރައްވާފައިވަނީ ހަމަ އިބްރާހީމް ރަޝީދު އެ ފާހަގަކުރެއްވި “ކަންނަން ނޫރު އަލީ ރާޖާ” އާއިއެކު ހެއްދެވި ކޯލިޝަނާއިއެކު އެ ޕާޓީންވެސް ރުހި ގަބޫލުވި އެއްބަސްވުމެއްގެ ދަށުންނެވެ.

އެމްޑީޕީގެ ސަރުކާރަކީ ކޮރަޕްޝަނަށް ޒީރޯ ޓްލެރެންސް ދެއްވައިގެން އައި ސަރުކާރެއް ނޫންތޯއޭ ޕްރެޒެންޓަރު އެއްސެވުމުން އިބްރާހީމް ރަޝީދު ވިދާޅުވީ މި ސަރުކާރަށް ގާނޫނާއި ގަވާއިދު ތަންފީޒް ނުކުރެވޭކަމަށާއި ކޮރަޕްޝަންވެސް ނުބެލޭކަމަށެވެ. އެންޓި ކޮރަޕްޝަންސް ކޮމިޝަންސްވެސް ވީތަނެއް ނޭގޭކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީއަކީ އެމްޑީޕީކަމުގައި ރައްޔިތުން ބުނަމުންދާއިރު، އިބްރާހީމް ރަޝީދު ވިދާޅުވީ ސަރުކާރުގެ 60 އިންސަތައަކީ އެމްޑީޕީ ބަޔެއް ނޫންކަމަށެވެ. އެއީ ކަންނަ ނޫރު އަލީ ރާޖާއަށް ޖިޒީ ދެއްވައިގެން އުޅޭބަޔެއްކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. ސަރުކާރުގެ ތެރެއިންވެސް އެމްޑީޕީއަށް އޮތީ މައިނޯރިޓީކަމަށާއި މެޖޯރިޓީ އޮތީ ކަންނަ ނޫރު އަލީ ރާޖާއަތުގައިކަމަށް ފާހަގަކުރައްވާ އިބްރާހީމް ރަޝީދު ވިދާޅުވީ ރައްޔިތުން ކެއިތޯ ނުވަތަ ރައްޔިތުންގެ ހައްގުތަށް ކޮބައިތޯ ނުބަލައި ރައްޔިތުންގެ އަތުން ނަގައި ފައިސާއިން ޖިޒީ ދައްކަވަނީ ކަންނަ ނޫރު އަލީ ރާޖާއަށްކަމަށެވެ.

ގުޅުންހުރި ލިޔުންތައް