ޝުކުރުވެރި ކަމާއި އެކު މި އިމްތިހާނަށް ކެއްކުރާނަން: ކާނަލް ނަސީދު
ދެންމެ | 04 ޖުލައި 2022

މިއީ އިމްތިހާނެއް ކަމަށާއި ޝުކުރުވެރިވެ ކެތްތެރިވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ބުނެފިއެވެ.

ކާނަލް އެގޮތަށް ބުނެފައި މިވަނީ މަޝްހޫރު ބައެއް ވިޔަފާރިވެރިންނާއި ސިޔާސީ ބާރުގަދަ މީހުން އެއް ޖިންސުން ގުޅުން ހިންގަން ދިޔަ ކަމަށް ބުނާ ކޮޓަރި އަށް އޭނާ ވެސް ގޮސް އެކަން ކުރުމުގައި އުޅޭ ބަންގްލަދޭޝް މީހެއް ކަމަށްވާ އަލަމްގިރިއާ ބައްދަލު ކުރާ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ.

އަލަމްގިރި ކައިރިއަށް 42 މީހަކު އެއްޖިންސުން ގުޅުން ހިންގަން ދިޔަ ކަމަށްވެއެވެ. މި ލީކްވެގެން އުޅޭ ވީޑީއޯތަކުގެ މައްސަލައިގެ ތަހުގީގު ފުލުހުން ވެސް ދަނީ ކުރަމުންނެވެ. އެކަމަކު، މިހާތަނަށް އައިއިރު އެ ވީޑިއޯތަކުން ފެންނަ އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އަދި ވީޑިއޯތައް ލީކް ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރި ކަމެއް ވެސް އެނގިފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ކާނަލް ނަޝީދު މިއަދު ބުނެފައިވަނީ މާތް ﷲ އިރާދަކުރައްވާ އަޅަކު އިއްޒަތްތެރި ކުރައްވާ ކަމަށާއި އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކު ނިކަމެތި ކުރައްވާ ކަމަށެވެ.

އަދި އިއްޔެ އޭނާއަށް މުދަލާއި، އިއްޒަތާއި، އިލްމު ދެއްވި ކަމަށާއި ނަމަވެސް މިއަދު އެ ގެންދަވާފައިވާ ކަމަށް ބުންޏެވެ. އެކަމަކު ވެސް އެކަމަށް ޝުކުރުވެރިވެ ކެތްތެރިވާނެ ކަމަށް އޭނާ ބުންޏެވެ.

”އިއްޔެ އެކަލާނގެ މި އަޅާއަށް އިއްޒަތްތެރި ކަމާއި އިލްމާއި މުދާ ދެއްވި. މިއަދު އެ ގެންދެވީމާވެސް އެކަމަށް ޝުކުރުކޮށް ކެތް ކުރާނަން. މިއީ އިމްތިހާނެއް“ ކާނަލް ނަޝީދު ބުންޏެވެ.

ނަޝީދު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް، އާޓްސް އިން ލިންގްއިސްޓިކްސް ދާއިރާ އިން ބެޗްލާސް ހާސިލްކޮށްފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޕޮލިޓިކަލް އެފެއާޒް ޑިވިޝަންގެ ސެކްރެޓަރީ ކަން އޭނާ ކުރިއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!