މާލެ އަމާންކުރަން ފުލުހުންގެ ހުރިހާ ޑިވިޝަނެއް ގުޅިގެން ހާއްސަ މަޝްވަރާތަކެއް ކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުން ފުލުހުންގެ މައްޗަށް މަތިކުރެވިފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކުލަވައިލާފައިވާ، މާލެ ސިޓީގެ ޖޮއިންޓް އޭޖެންސީ ޓީމުގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިންކަމަށް ފުލުހުން ބުނެއެވެ.
އިއްޔެ އިސްކަންދަރު ބިލްޑިންގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ ފުލުހުންގެ ފަރާތުން ފޯރުކޮށްދެމުންގެންދާ ހިދުމަތް ކޮމިއުނިޓީ ފަލްސަފާއާ އެއްގޮތަށް ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންނާއި، ކައުންސިލުތަކާއި، މަދަނީ ޖަމުއިއްޔާތަކާ އަދި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްކަމަށް މޯލްޑީވްސް ޕޮލިސް ސާވިސް އިން ބުނެއެވެ.
މާލެ ޕޮލިސް ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި މާލެ ޕޮލިސްގެ އެކި ބަހާތަކުގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
”މި ބައްދަލުވުމުގައި، މާލެތެރޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހައްލުކުރުމާއި އިތުރަށް ހައްލުކުރަންޖެހޭ މައްސަލަތައް ދެނެގަނެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފައިވޭ. އަދި މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކާއި އެކަންކަން ހައްލުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ،“ -ފުލުހުން-
އޭގެ އިތުރުން، ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބިދޭސީންގެ މައްސަލަތައް ހައްލުކޮށް މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށް މަޝްވަރާކޮށްފައިވެއެވެ. އަދި ފުލުހުންނާއި އިދާރާތަކުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ފަސޭހަކުރުުމުގެ ގޮތުން ކޮންމެ އިދާރާއަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ވަނީ ކަނޑައަޅާފައެވެ.
މި ބައްދަލުވުމަކީ ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުވުމެކެވެ.