ޗައިނާ އާއި ރާއްޖެ އާއި ދެމެދު ސީދާ ދަތުރުތައް ފަށަނީ
ދެންމެ | 24 ސެޕްޓެމްބަރ 2022

ކޮވިޑުގެ ހާލަތާ ގުޅިގެން މެދުކެނޑިފައި އޮތުމަށް ފަހު، ޗައިނާއާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް އަންނަ މަހު ފެށުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލީޝިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ލީޝިން ވަނީ ކޮވިޑުގެ ކުރިން، ޗައިނާގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަކުރައްވާފައެވެ.

އަދި، ވިސާއާ ބެހޭ އެއްބަސްވުމާއި، ކޮވިޑުގެ ހާލަތު ރަނގަޅުވުން ފަދަ ސަބަބުތަކާ ހުރެ، ކައިރި މުސްތަގުބަލެއްގައި ރާއްޖެއާ ޗައިނާއާމެދު ކުރެވޭ ދަތުރުތައް އިތުރުވާނެ ކަމަށް ލީޝިން ވިދާޅުވިއެވެ.

”އަޅުގަނޑު ގަބޫލުކުރަނީ ކައިރި މުސްތަގުބަލެއްގައި އަޅުގަނޑުމެންގެ ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ފަތުރުވެރިންނާއި، ދަތުރުވެރިންގެ އަދަދު އެތައް ގުނައަކަށް އިތުރުވާނެ ކަމަށް،“ ސަފީރު ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ދަތުރުތައް ހުއްޓުމާ ހަމައަށް ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކުރަމުން އައި ގައުމެވެ. އެގޮތުން، 2019 ވަނަ އަހަރު ރާއްޖެއަށް އެ ގައުމުން ވަނީ 267،875 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ. މިއީ އެ އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދުގެ 17.5 އިންސައްތައެވެ.

ގުޅުންހުރި ލިޔުންތައް