ނޫސްވެރިންގެ ޕެޓިޝަން ރައީސް އޮފީހަށް ހުށަހަޅައިފި
ދެންމެ | 07 ޖުލައި 2022

ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލު ތަސްދީޤު ނުކުރުމަށް ގޮވާލައި ނޫސްވެރިން ތައްޔާރުކުރި ޕެޓިޝަން ރައީސް އޮފީހަށް ހުށައަޅައިފިއެވެ.

ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން މިއަދު ބުނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާބެހޭ ބިލުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަން ރައީސް އޮފީހަށް ހުށައަޅާފައިވާ ކަމަށެވެ. މި ޕެޓިޝަންގައި 140އަށްވުރެ ގިނަ ނޫސްވެރިން ސޮއިކޮށްފައިވެއެވެ.

45 އަހަރަށްފަހު ރާއްޖޭގައި ހެއްކާ ބެހޭ ޤާނޫނެއް ފާސްކޮށްފައިވާއިރު އެބިލުގައި ނޫސްވެރިން ޚަބަރު ފެތުރުމުގައި މަޢުލޫމާތު ހޯދާ މަސްދަރު ވަކި ޙާލަތްތަކެއްގައި ހާމަކުރަންޖެހޭ ގޮތަށް ވަނީ ހިމަނާއެވެ. އެހެންކަމުން ބިލުގެ 136 ވަނަ މާއްދާ އޮތް ގޮތުން އެ މާއްދާ އިސްލާޙު ކުރުމަށް ގޮވާލާ ނޫސްވެރިން ގުޅިގެން އެކި ހަރަކާތްތައް ހިންގުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީ ހުށަހަޅުއްވައި މަޖިލީހުން ފާސްކޮށްފައިވާ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ ގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށްވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ދަށުން މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް މަޖުބޫރު ކުރެވިދާނެ ކަމަށެވެ.

މަޖިލީހުން އެ ބިލު ފާސްކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އެބިލު އަދި ތަސްދީގެއް ނުކުރައްވައެވެ. އެހެންކަމުން، އެ ބިލު ތަސްދީގު ނުކުރެއްވުމަށް އެދި، މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް މިހާރުވަނީ ރައީސަށް ސިޓީއެއް ފޮނުވާފައެވެ. އެ ބިލާ ދެކޮޅަށް ބައެއް ނޫސްވެރިން ވަނީ ބުރާސްފަތި ދުވަހު މަޖިލީހުގެ އިދާރާ ކައިރީގައި އިހްތިޖާޖް ވެސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް