ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނޯންނާނެ: ފަޒުލް
ދެންމެ | 18 ޑިސެމްބަރ 2024

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތިތައް ހަވާލުކުރުމުގައި ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.އެޗްޑީސީގެ މައި އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިތައް ދޭނެ ފަރާތްތައް ކަނޑައަޅަނީ އެޗްޑީސީން ނޫންކަމަށާއި، އެއީ ހައުސިން މިނިސްޓްރީން ކުރިއަށްގެންދަވާ މަސައްކަތެއްކަމަށެވެ.

އަދި ހައުސިން މިނިސްޓްރީން ގޯތި ދޭން ނިންމާފައިނުވާ ބަޔަކަށް އެޗްޑީސީން ގޯއްޗެއް ދީފައިނުވާނެކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ބުނާ މައްސަލަ ފުލުހުން ތަހުޤީޤުކުރައްވަމުން ގެންދަވާއިރު، އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން މުއައްސަސާތަކަށް ލިބޭނެކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

އަދި އެޗްޑީސީން ޤާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.ފަޒުލް ފާހަގަކުރެއްވި ގޮތުގައި ގޯތިތައް ހަވާލުކުރުމުގައި އަމިއްލަ މަސްލަހަތު ގެންގުޅުއްވިކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ސިޔާސީ މަންފާއަށް ބަޔަކު ފަތުރާ ދޮގު ވާހަކަތަކެއްކަމަށެވެ. އަދި ޖަވާބުދާރީ ނުވެވޭފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!