ރިއަލް އެސްޓޭޓް ވިޔަފާރީގައި ދިވެހި ވިޔަފާރިތަކަށް އިސްކަންދޭން ފިނޭންސް މިނިސްޓްރީން އަންގައިފި
ދެންމެ | 06 ނޮވެމްބަރ 2025

ރިއަލް އެސްޓޭޓް ދާއިރާގެ އެކި މަސައްކަތްތަކުގައި ދިވެހި ވިޔަފާރިތަކަށް އިސްކަންދިނުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ އެކި އިދާރާތަކަށް އަންގައިފިއެވެ.

ދިވެހި އަމިއްލަ ކުންފުނިތަކާ ސަރުކާރުގެ މުހިއްމު ބައެއް މަޝްރޫއުތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ، ބޭރުގެ ކުންފުނިތައް ރާއްޖޭގެ ރިއަލް އެސްޓޭޓު ވިޔަފާރިއަށް ވަދެ، ރާއްޖޭގެ ބޭންކުތަކުން ފައިސާ ނަގައިގެން އެ ދާއިރާގެ ބޮޑެތި މަޝްރޫއުތައް ހިންގަަމުންދާަ ކަމަށެވެ.

ޒަމީރު އިތުރަށް ވިދާޅުވީ ދިވެހި ބޭންކުތައް މެދުވެރިކޮށް ފައިސާ ހޯދައިގެން ރިއަލް އެސްޓޭޓު ވިޔަފާރީގައި ބޭރު ކުންފުނިތައް ހަރަަކާތްތެރިވާ މިންވަރު އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން ރިއަލް އެސްޓޭޓު ވިޔަފާރީގެ ބޮޑު ހިއްސާއެއް ބޭރު ކުންފުނިތަކުގެ އަތް މައްޗަށް ފުރޮޅިފައިވާ ކަމަށެވެ.

ޒަމީރު އިތުރަށް ވިދާޅުވީ މިގޮތަށް ހަރަކާތްތެރިވާ ކުންފުނިތަކުން ރިއަލްއެސްޓޭޓް ޕްރޮޑަކްޓުތައް އުފައްދައި ދިވެހިންނަށް ބޮޑު އަގުގައި ވިއްކުމަށްފަހު ލިބޭ ރުފިޔާ ޑޮލަރަށް ބަދަލުކޮށްގެން ރާއްޖޭގެ އިގުތިސާދުން ބޭރުކުރަމުންދާތީ އެކަން ހއްލުކުރުމަށް ފިނޭންސް މިނިސްޓްރީން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

”ދިވެހިރާއްޖޭގެ ރިއަލްއެސްޓޭޓް މާކެޓްގެ ބޮޑު ހިއްސާއެއް މި އޮތީ ބޭރުގެ ކުންފުނިތަކުގެ މައްޗަށް ފުރޮޅިފައި. އެބައިމީހުން އެ ދަނީ ރާއްޖޭގެ ބޭންކިން ނިޒާމުގައި ހުރި ފައިނޭންސް މެދުވެރިކޮށް، ދިވެހިންނަށް ރިއަލްއެސްޓޭޓް އެސެޓްތައް ވިއްކައިގެން ލިބޭ ދިވެހި ރުފިޔާ އެމެރިކާ ޑޮލަރަށް ބަދަލުކޮށްގެން ދިވެހިރާއްޖޭގެ މާލީ ނިޒާމުން ބާރުމިނުގައި ބޭރުކުރަމުން،“ ޒަމީރު ވިދާޅުވިއެވެ.

އެގޮތުން ދިވެހި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނާއި ވިޔަފާރިތަކަށް އިސްކަަންދިނުމަށް ދައުލަތުގެ ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމށް ޒަމީރު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ދައުލަތުގެ ކުންފުނިތަކާއި، ނޭޝަނަލް ޓެންޑާ ބޯޑާއި ވުޒާރާތަކުގެ ބިޑު ކޮމިޓީތައް މެދުވެރިކޮށް އެތައް ސަތޭކަ މަޝްރޫއެއް ދިވެހި ކުންފުނިތަކާ ހަވާލުކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރަމުންދާ މައިގަނޑު މަގުސަދަކީ، ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތައް ކޮޅަށްޖަހައި، އެ ކުންފުނިތައް އާ އުސްމިންތަކަކަށް ގެންދިއުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!