އިންޑިޔާ “ބޮންދު‘ އަކަށް ވެސް މާލޭން ގޯތި ދިން ކަން ހާމަ ވެއްޖެ
ދެންމެ | 27 ޖޫން 2023

ޙަބީބު ރަޙިމާން މުޙައްމަދު ޙަނީފާ ނަމަކަށް ކިޔާ އިންޑިއާ މީހާއަށް ގޯތި ލިބުމަށް ޝަރުތު ފުރިހަމަވާކަމަށް އިއްޔެ ސަރުކާރުން އާންމުކުރި ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުން ދައްކައެވެ. އެކަން ހާމަވުމާއެކު ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ކާކުކަން ނޭނގޭ ގޮތަށް ޓުވީޓާގައި ޚިޔާލުފާޅުކުރާ ޙަސަން ކުރުސީ އެކައުންޓުން ކުރި ޓުވީޓެއްގައި މާލޭގައި ދިރިއުޅޭތާ 30 އަށްވުރެ ގިނަ އަހަރުވީ އަތޮޅު ތެރޭގެ މީހުންނަށް ގޯތި ނުލިބޭކަން ފާހަގަކޮށް 2019 ވަނަ އަހަރު ދިވެހި ރައްޔިތުކަން ލިބުނު މީހަކަށް ގޯތި ލިބުމަކީ އިންސާފެއް ނޫންކަން ފާހަގަކުރުމުން ރައުނާވަނީ ރައްދުދީ ސިލްސިލާ ޓުވީޓުތަކެއް ކޮށްފައެވެ.

ހަސަން ކުރުސީ އެކައުންޓަކީ ރައީސް މުޙައްމަދު ނަޝީދު ހިންގަވާ އެކައުންޓެއްކަމަށް އެމްޑީޕީގެ ބައެއް އިސްވެރިން ދައްކަވާ ވާހަކަފުޅު ޤަބޫލުކޮށް، ރައުނާވަނީ އޭނާގެ ހުރިހާ ކަމެއް ރައީސް ނަޝީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށް ބުނެފައެވެ. އަދި އޭނާގެ ފިރިމީހާ ކުރާ ހުރިހާ ވިޔަފާރިއެއްވެސް ކުރަނީ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ދައްކައިގެންކަމަށްވެސް ރައުނާ ބުންޏެވެ. އެހެންކަމުން އޭނާގެ އެއްވެސް ޙައްޤަކަަށް އުނިކަން އަންނަންނުޖެހޭކަމަށާއި އޭނާއަށް މާލެއިން ގޯތި ޙައްޤުވާކަމަށް ރައުނާ ދެކޭކަން ހާމަކުރިއެވެ.

އިތުރަށް ރައުނާ ބުނެފައިވަނީ ދިވެހި އަންހެނުންނަކީ ވަރަށް އަވަހަށް ވަރިވާ ބަޔަކަށްވާއިރު، އޭނާގެ ފިރިމީހާ ކައިރިން މިހާރު ވަރިވިއަސް ރަޙިމާން ވަންނާނެ ތަނެއް ނުހުންނާނެ ކަމަށާއި، އޭނާގެ ނުކުޅެދުންތެރިކަން ހުންނަ 18 އަހަރުނުވާ ކުއްޖަކުވެސް ހުންނަ ކަމަށެވެ.

ރައުނާ އިތުރަށް ބުނީ އޭނާއަކީ 3 ދަރިންނާއި 3 މާމަ ދަރިންނާއެކު 363 އަކަފޫޓުގެ ތަނެއްގައި ދިރިއުޅޭ މީހެއްކަމަށާއި މާމަ ދަރިންގެ ތެރެއިން އެއް ކުއްޖަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ކަމަށްވެސް އޭނާ ބުންޏެވެ.

އަދި ރައުނާ ބުނި ގޮތުގައި ރަޙިމާނުގެ ހުރިހާ ވިޔަފާރިއެއްވެސް ހުރީ ރައުނާގެ ނަމުގައެވެ. އެހެންކަމުން ރައުނާ ވަރިވުމުން ރަޙިމާން ވަރަށް ބޮޑަށް ނިކަމެތިވެ ހާލުގައި ޖެހޭނެކަން ދޭހަވާ ގޮތަށް ރައުނާ ވާހަކަދައްކާފައިވެއެވެ.

ނަމަވެސް ބިޒްނަސް ޕޯޓަލުން ފެންނަ ގޮތުގައި ރައުނާގެ ފިރިމީހާގެ ނަމުގައި 8 ވިޔަފާރިވަނީ ރަޖިސްޓަރީކޮށްފައެވެ. އަދި އެއިން އެއްވެސް ވިޔަފާރިއެއްގައި ހިއްސާދާރެއްގެ ގޮތުގައި ރައުނާގެ ނަމެއް ބިޒްނަސް ޕޯޓަލުން ފެންނާކަށް ނުވެސް ނެތެވެ.

މާލޭގައި ރަށްވެހިވެގެން ދިރިއުޅޭ އަތޮޅު ތެރޭ މީހުން އެކަހެރިކޮށް ހަމައެކަނި މާލޭ މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމައި 19،000 މީހަކު ގޯތި ލިބުމަށް ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅައި ފުރަތަމަ މަރުހަލާގައި 10،000 އަށްވުރެ ގިނަ މީހުންނަށް ގޯތި ދިނުމަށް ނިންމާފައިވެއެވެ.

އެއިން 2،000 އެއްހައި ގޯތި ހުޅުމާލެއިން ދޭއިރު ބާކީހުރި ގޯތި ދިނުމަށް ނިންމާފައިވަނީ ހިއްކައި ނުނިމޭ ގުޅީފަޅާއި ދާދިފަހުން ހިއްކަން ފެށި ގިރާވަރު ފަޅުންނެވެ. އެ ދެ ފަޅު ހިއްކައި ނިމޭނެ ދުވަހެއް އަދި އެތަންތަނުގައި މީހުން އާބާދުވުމަށް ބޭނުންވާ ޚިދުމަތްތައްކަމަށްވާ މަގުތަކާއި ފެނާއި ނަރުދަމާއާއި ކަރަންޓު ޤާއިމުކޮށް ނިމޭނެ ތާރީޚެއް އަދި ސަރުކާރަށް ބުނެނުދެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!