ލަންކާ ރައްޔިތުން ރިޔާސީގަނޑުވަރު ޕޫލަށް އެރި ބަދިގޭގައި ކައްކަން ފަށައިފި
ދެންމެ | 09 ޖުލައި 2022
ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދިރިއުޅުއްވާ ގެކޮޅަށް ވަދެގެން ބައެއް މީހުން ގެކޮޅުގެ ސުވިމިން ޕޫލްއަށް އެރި އުފާފާޅުކުރަން ފަށައިފި އެވެ.

ލަންކާއަށް ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާ ގުޅިގެން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށާއި ގޮތަބަޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ލަންކާގެ އެކި ސަރަހައްދުތަކުން ވެރިރަށް ކޮލަމްބޯއަށް މީހުން ޖަމާވެ، ވަރުގަދަ މުޒާހަރާތަކެއް މިއަދު ދަނީ ކުރަމުންނެވެ.

އެ މުޒާހަރާތަކާ ގުޅިގެން ލަންކާގައި ކާފިއު އިއުލާން ކުރި ނަމަވެސް، ފަހުން އެ ކާފިއު ވަނީ އުވާލައިފަ އެވެ.

އެ މުޒާހަރާގެ ތެރެއިން ގޮތަބަޔާގެ ރަސްމީ ގެކޮޅަށް އާންމުން ވަދެގެންފައި ވަނީ އެ ހިސާބުގައި ޖަހާފައި ހުރި ފުލުހުންގެ ބެރިކޭޑުތައް ފޫއަޅުވާލުމަށްފަހު އެވެ. ނަމަވެސް އެ ވަގުތު ގޮތަބަޔާ ގެޔަކު ނޫޅުއްވަ އެވެ. އެމަނިކުފާނު ވީތަނެއް ނޭނގެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ބައިވެރިން ދަނީ ގެކޮޅުގައި ހަދާފައިވާ ސުވިމިން ޕޫލަށް އެރި މަޖާކުރަމުންނެވެ. އަދި ބައެއް މީހުން ގެކޮޅުގައި ހުންނަ ކޮޓަރިތަކަށް ވަދެ، އެނދުގައި އޮށޯވެގެން ތިބޭ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް ދަނީ ދައުރުވަމުންނެވެ.

އޭގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ ގެކޮޅުގެ ބަދިގެއަށް ވަދެ، އެތަނުގައި ކައްކާފައި ހުރި ބައެއް އެއްޗެހި ކާން ފަށައިފަ އެވެ. އަދި ބައެއް މީހުން ބަދިގޭގައި ކައްކާތަން ފެންނަ ވީޑިއޯތަކެއްވެސް ދަނީ ދައުރުވަމުންނެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ގޮތަބަޔާގެ އިތުރުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި މުޅި ސަރުކާރު އެއްކޮށް އިސްތިއުފާދީ، ރާޖަޕަކްސަގެ އާއިލާއިން ލޫޓުވާފައިވާ ފައިސާ އަނބުރާ ދިނުމަށް ގޮވާލަމުންނެވެ. އަދި ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއަކީ ސަރުކާރުގެ އިހުމާލެއް ކަމަށްވެސް ދަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!