ފަނޑިޔާރުން ޖަމިއްޔާގެ ރައީސަކަށް ސުއޫދު.
ދެންމެ | 08 ޖޫން 2022

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސަކަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަންކޮށްފި އެވެ.

އެ މަގާމުގައި ކުރިން ހުންނެވީ ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކުރި މައްސަލައަކަށް ފަހު ރައޫފް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމުމާ އެކު މިދިޔަ މަހުގެ 31 ގައި ރައޫފް ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

އެހެންވެ، އެ ޖަމިއްޔާގެ ހުސްވެފައިވާ މަގާމަށް ފަނޑިޔާރު ސުއޫދު އައްޔަންކުރުމަށް ފަނޑިޔާރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީން ނިންމުމުން، އެ ހުށަހެޅުން ސުއޫދު ވަނީ ގަބޫލުކުރައްވައިފަ އެވެ.

ފަނޑިޔާރުންތަކެއް އިސް ނަގައިގެން 2008 ވަނަ އަހަރު އުފައްދާފައި އޮތް ފަނޑިޔާރުންގެ ޖަމިއްޔާގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު 2019 އިން ފެށިގެން ވަނީ އަލުން ހިންގަން ފަށައިފަ އެވެ.

މިއީ ޝަރީއަތް ކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، ފަނޑިޔާރުންގެ މެދުގައި އެއްބައިވަންތަކަން އުފައްދައި ފަނޑިޔާރުންގެ ރައްކާތެރިކަމަށް މަސައްކަތްކުރުމުގެ މަގްސަދުގައި އުފެއްދި ޖަމިއްޔާއެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!