ވަރިފުޅުގެ އިއްދަ ހަމަވުމުން ދެން ނަމަނަމަ ނުބީހޭތި!
ދެންމެ | 18 އޯގަސްޓް 2023

ވަރިކޮސްފިނަމަ ޢިއްދައިގެ މުއްދަތު ހަމަވުމުން އަނބިމީހާކަން ކެނޑުނީއެވެ. އެހިސާބުން ހިލޭ އަންހެނަކަށް ބަދަލުވީއެވެ. ނަމަވެސް އުފުލަންޖެހޭނެ ޛިންމާއެއް އެބަ އޮތެވެ. އެއީ ދަރިންގެ ޛިންމާއެވެ.

މީސްތަކުން ކުރާ ކުށްތައް ފަޟީޙަތް ކުރުމަކީ ހުއްދަ ކަމެއް ނޫން ނަމަވެސް އެމީހެއްގެ ސަބަބުން މުޖުތަމަޢުއަށް ގެއްލުން ލިބޭ މީހުންގެ ކަންކަން ފަޟީޙަތްކުރަން ޖެހެއެވެ. އެއީ އެމީހާގެ ކިބައިން މުޖުތަމަޢުގެ އެހެން މީހުން ސަލާމަތްކުރުމަށެވެ.

މިގޮތުން ބަލާއިރު ދަރިން ލިބުމުން އެމީހެއްގެ ފެންވަރުން ދަރިންގެ ޒިންމާ ނުއުފުލާ ބައްޕައިންގެ ވާހަކަ ދައްކަން އެބަޖެހެއެވެ. ދަރިން ލިބުމުން އަނބިމީހާ ވަރިކުރުމަށްފަހު ދަރިންނަށް ޚަރަދުނުކުރާ ބައްޕައިންގެ ވާހަކަ އެންމެންނަށް އަންގަން އެބަޖެހެއެވެ. އެހެން އަންހެނުންނަށް އެމީހާގެ ކިބައިން ސަލާމަތްވާން އެނގޭނީ އެއިރުން ކަމުގައިވާތީއެވެ.

ބައެއް ބައްޕައިން ކައިވެނި ރޫޅައިލުމަށްފަހު އަނބިމީހާގެ މަތިން ހަނދާން ނައްތައިލާފަދައިން ދަރިންގެ މަތިން ވެސް އެބަ ހަނދާން ނައްތައިލައެވެ. އެދަރިން ތިބީ ކައިގެންކަން ނުވަތަ ނޫންކަންވެސް ނުބަލައެވެ. މިގޮތަށް އެތައް ބަނޑަށް ދަރިން ދޫކުރާ ބައްޕައިން އެބަ އުޅެއެވެ.

އެފުރުޞަތު އެމީހުންނަށް އެހައިބޮޑަށް ފަހިވެގެންދަނީ މައިން އެވާހަކަ ނުދައްކާތީއެވެ. މުޖުތަމައުއަށް އެކަން ނުއަންގާތީއެވެ.

ވަރިކޮށް ޢިއްދަ ހަމަވުމުން އަނބިންމަތިން ހަނދާންނައްތައިލެވިދާނެއެވެ. ނަމަވެސް ދަރިންގެމަތިން ހަނދާން ނައްތާލެވިގެންނުވާނެއެވެ. އެމީހަކަށް ލިބޭ މިންވަރަކުން ދަރިންނަށް ޚަރަދުކުރަންޖެހޭނެއެވެ. އަދި ދަރިންގެ ކަންކަން ބަލަހައްޓަންވެސް ޖެހޭނެއެވެ. އެއީ ރެކެވޭނެ ޒިންމާއެއް ނޫނެވެ. ދުނިޔޭގައި އެމީހަކު ރެކިގެން ހުރިނަމަވެސް ޤިޔާމަތް ދުވަހު ޖެހޭނީ ހަމަ ޒިންމާ އުފުލާށެވެ!

މިވާހަކަކޮޅާއިއެކު ޢާއިލީ ޒިންމާ އާއިބެހޭ ގޮތުން އިމާމް މުފްތީ މެންކް ވިދާޅުވެފައިވާ ބަސްކޮޅެއްވެސް ހާމަކޮށްލާނަމެވެ!

ކޮންމެ މީހަކީވެސް ޚިޔާލު ތަފާތު މީހެކެވެ. މިޒާޖުވެސް ތަފާތު މީހެކެވެ. އަދި އަޚްލާޤީ ގޮތުންވެސް ތަފާތު މީހެކެވެ. އެހެންކަމުން ރުޅި ގަދަ މީހުންނާއި ހަރުކަށި މީހުން ވެސް ތިބޭނެއެވެ. އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ މީހުންވެސް ތިބޭނެއެވެ. އަމިއްލަ މައިން ބަފައިންގެ ތެރޭގައިވެސް ތިބޭނެއެވެ. އަޚުންނާއި އުޚުތުންގެ ތެރޭގައިވެސް ތިބޭނެއެވެ. އަނބިން، ފިރިން އަދި ދަރިންގެ ތެރޭގައިވެސް ތިބޭނެއެވެ.

މިހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި ވަޙީ ކުރައްވަވާފައި ވަނީ، އަހަރެމެން އެންމެންނަށް އަމުރުފުޅު ކުރައްވަވާފައިވަނީ މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އަނބިދަރިންނަށް އޯގާތެރިވުމަށެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަށެވެ. ވީމާ މިއިން އެއްވެސް ކަމެއް ނުކޮށް ދޫކޮށްލެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ.

އަބަދުވެސް ބުނާ ފަދައިން އަހަރެމެންގެ މައިން ބަފައިން ކަނޑައަޅަނީ އަހަރެމެންނެއް ނޫނެވެ. ޢާއިލާގެ މީހުން ކަނޑައަޅަނީ އަހަރެމެންނެއް ނޫނެވެ. އަދި ދަރިން ކަނޑައަޅަނީވެސް އަހަރެމެންނެއް ނޫނެވެ. އަހަރެމެންނަށް ކަނޑައެޅެނީ ހަމައެކަނި އަނބިމީހާ ކަމަށް ބުނެވިދާނެއެވެ. ވީމާ އަނބިމީހާ ކަމު ނުދާނަމަ ދޫކޮށްލުމުގެ އިޚްތިޔާރުވަނީ ދެއްވަވައިފައެވެ. ނަމަވެސް ދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީހުންނަކީ ދޫކޮށްލެވެން ތިބި ބައެއް ނޫނެވެ. ސަބަބެއް ކަމަށް އަހަރެން ދެކެނީ އެއީ އަހަރެމެންނާއިއެކުގައިވުމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ބައަކަށްވުން ކަމަށެވެ.

މީސްތަކުންނޭވެ! އާއިލާގައި ހިތްހަމަ ނުޖެހޭ މީހުން ތިބޭނެއެވެ! ޢާއިލާގެ މީހަކާއިމެދު ހިތްހަމަ ނުޖެހޭތީ ރަޙިމުގެ ގުޅުން ނުކަނޑާށެވެ! ދެމެހެއްޓެން އޮތް ގޮތަކަށް ގުޅުން ދަމަހައްޓާށެވެ! މައިން ބަފައިންނަކީ ކޮންމެ މިޒާޖެއްގެ ބައެއް ނަމަވެސް، އަދި ތިބާ އާއިމެދު ކޮންމެ ގޮތަކަށް އަމަލުކޮށްފައިވާ ބައެއް ނަމަވެސް އަޅައިނުލާށެވެ. އެމީހުންގެ ޙައްޤުތައްވެސް އަދާކުރާށެވެ! ދަރިންގެ ޙައްޤުތަކަކީ އަމުދުން ނެއްޓެވޭނެ ޙައްޤުތަކެއް ނޫނެވެ.

އެމީހުންނަށް ނުބަލާށެވެ! ތިބާގެ ވާޖިބާއި މަސްއޫލިއްޔަތު ތިބާ އަދާކުރާށެވެ! ތިބާ އެކަން ކުރި ގޮތް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ! އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ. ރަނގަޅުގޮތުގައި އެކަންކަން ދަމަހައްޓައިފި ނަމަ ދެއްވަވާނެ ނިޢްމަތްތައް ގުނައި އަދަދު ވެސް ނުކުރެވޭނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ!

ގުޅުންހުރި ލިޔުންތައް