ފޭސް 2 އިން އެއަރޕޯޓަށް ކޮންމެ ބައިގަޑި އަކުން
ދެންމެ | 10 ޖުލައި 2022

ހުޅުމާލޭ ފޭސް 2 އިން އެއާޕޯޓަށް ކޮންމެ 30 މިނެޓަކުން ބަސް ދަތުރުތައް ބޭއްވުމަށް ނިންމައި އެމްޓީސީސީން ގްރޭޓާ މާލެ އޭރިއާގެ ބަސް ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފި އެވެ.

އެމްޓީސީސީން މީގެ ކުރިން ފޭސް 2 އިން އެއާޕޯޓަށް ބަސް ދަތުރުތައް ބާއްވަނީ ކޮންމެ އެއް ގަޑިއިރުންނެވެ.

އެމްޓީސީސީން ބުނީ، މި ބަދަލާއެކު ހުޅުމާލެ ފޭސް 2 އިން އެއާޕޯޓަށް ވަޒީފާއަށްދާ މީހުންނާއި ފުރަންދާ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން މާލެއިން ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށް ކުރާ ދަތުރުތައް ދަންވަރު 12:15 އާ ހަމައަށް އިތުރުކުރަންވެސް އެމްޓީސީސީން ވަނީ ނިންމައިފަ އެވެ. އެ ބަދަލު ގެނެސްފައި ވަނީ މާލެ ވެސްޓް ޕާކުން ފޭސް 1 އަށްދާ ބަސް ރޫޓަށާއި މާލެ ކާނިވަލުން ފޭސް 1 އަށްދާ ބަސް ރޫޓަށެވެ.

އެމްޓީސީސީން ބުނީ، މި ބަދަލާއެކު ޑިއުޓީ އުސޫލުން މަސައްކަތްކުރާ މީހުންނަށް 12:00ގެ ޑިއުޓީ ނިންމުމަށްފަހު ބަސް ހިދުމަތް ބޭނުންކޮށްގެން މާލެ އަދި ހުޅުމާލެއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަަމަޖެހިގެންދާނެ ކަމަށެވެ.

އަދި ހާއްސަކޮށް އަމިއްލަ ވެހިކަލް ނުގެންގުޅޭ މީހުންނަށް ދަތުރުފަތުރުކުރުމަށް ފަސޭހަވެ މިހާރުކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެ ކަމަށްވެސް ބުންޏެވެ.

އެމްޓީސީސީގެ “ރާއްޖެ ޓްރާންސްޕޯޓް ލިންކް”ގެ ބަހުގެ ހިދުމަތް ދުވަހެއް ދުވަހަކަށް ފުޅާކުރަމުން އަންނައިރު، މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!