ލަންކާއަށް ބޭނުން ވަނީ ތަޖްރިބާ ހުރި ވެރިއެއް: ރައީސް ނަސީދު
ދެންމެ | 10 ޖުލައި 2022

ސްރީލަންކާ އަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް އެގައުމަށް ބޭނުންވަނީ ތަޖުރިބާހުރި ވެރިއެއްގެ އެހީތެރިކަން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު، ލަންކާގެ ހާލަތު ގޯސްވެ އެގައުމުގެ ގިނަ ބަޔަކު އަންނަނީ މަގުތައް މަތީގެ އިތުރުން ސަރުކާރުގެ އިދާރާތަކުގެ ތެރޭ މުޒާހަރާ ކުރަމުންނެވެ. މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ، އެގައުމުގެ ރިޔާސީ ގަނޑުވަރަށް ވަދެ އެތަން މުޒާހަރާގެ ބައިވެރިންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.

ލަންކާގެ ހާލަތާއި ގުޅޭގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ ލަންކާއަށް ވަރަށް ދަތި އަދި އެހާމަ އެތެރޭގެ ހަމަނުޖެހުންތައް ބޮޑު ވަގުތެއް ކަމަށާއި، މިވަގުތު ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުން އެގައުމު ސަލާމަތް ކުރުމަށް ބޭނުންވަނީ، ތަޖުރިބާހުރި ހަރުދަނާ ފަރާތެއްގެ ލީޑާޝިޕް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް ހުރި ދުވަސްތަކުގައި ލަންކާއަށް މިހާރު ދިމާވެފައިވާ ހަލާތުން އަރިއިގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ލަންކާގެ ހާލަތު އެންމެ ފުރަތަމަ ގޯސްވެ އެގައުމު އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުން އެގައުމަށް އެހީ ހޯދުމަށް ލަންކާގެ މަންދޫބެއްގެ ގޮތުގައި މޭ މަހުގެ 19 ވަނަ ދުވަހު ރައީސް ނަޝީދް ވަނީ ހަވާލުވެވަޑައިގެންފަ އެވެ. އޭގެ ފަހުން އެމަނިކުފާނު ގެންދަވަނީ އެކި ގޮތްގޮތުން އެގައުމަށް އެހީ ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!