ދިރުމެއް ނެތް އެކަމަކު ބޮޑުވުމުގައި ހައްދެއް ނެތް!
ދެންމެ | 23 އޯގަސްޓް 2023

އަޅުގަނޑުގެ ރަހްމަތްތެރިއަކު ބަލިވެ އުޅޭތީ އޭނާއަށް ގޮވާލަން ދިޔަ ދުވަހެކެވެ. އަޅުގަނޑު ދިޔައިރު އޭނާ އިނީ އޭނާގެ އެހެން ރަހުމަތްތެރިއަކާ ބައްދަލުކޮށް ވާހަކަދައްކާލާށެވެ. އަޅުގަނޑު ދިއުމާއެކު ރަހުމަތްތެރިޔާ އާއި ސަލާމްކޮށްފައި އޭނާ ހިނގައްޖެއެވެ.

އަޅުގަނޑު ރަހުމަތްތެރިޔާއާއި ބައްދަލުކޮށް ސަލާމްގަލާން ކުރުމަށްފަހު ހާލުގެ ވާހަކަ އެހުމުން ރަހުމަތްތެރިޔާގެ ބަލިހާލު ރަނގަޅުވެގެން އަންނަވާހަކަ ބުންޏެވެ. އަޅުގަނޑު އެކަމާ އުފާކޮށް ހަމްދާ ޝުކުރުކުރުމަށްފަހު އަވަސް ޝިފާއަކަށް އެދުނީމެވެ.

ދެން ރަހުމަތްތެރިޔާގެ ވާހަކަ ކުރިއަށްގެންދަމުން ބުނެފިއެވެ. ދެންމެ އެދިޔަ ރަހުމަތްތެރިޔާ ތިމަންނާއާއި ބައްދަލުކުރަން އެއައީ ވަރަށްބޮޑު ކަމަކުއެވެ. އެއީ ކޮންކަމެއްތޯ ސުވާލުކުރުމުން ބުންޏެވެ. އޭނާ ގެންގުޅޭ އެއްޗެއް ބޮޑުވާތީ އެކަމާ ކަންބޮޑުވެގެންނެވެ. އަދި އެކުޑަވާނެ ގޮތަކީ ކޮބައިތޯ މަޝްވަރާކުރުމަށެވެ. ނަތީޖާއަކީ ކޮބައިތޯ އަހާލީމާ ރަހުމަތްތެރިޔާ ބުންޏެވެ. އެއްވެސް ނަތީޖާއެއް ނުފެނިގެން އޭނާ އެދިޔައީ ދެރަވެގެންނެވެ.

ވީމާ އެއްޗެއް ކުޑަވާނެގޮތަކީ ކޮބައިތޯ ރަހުމަތްތެރިޔާ އަޅުގަނޑާއި ސުވާކުރުމުން ޖަވާބުގައި ބުނެފީމެވެ. އެއީ ކޮންއެއްޗެއްހެއްޔެވެ. އޭނާ ބުނިގޮތުން އެއެއްޗެއް ހަމަ ބޮޑުވަނީއެވެ. ކުޑަކުރެވެން ހުރިހައި މަސައްކަތެއް ކޮށްކޮށްވެސް އެއްވެސް ނަތީޖާއެއް ނުފެނުނޯލައެވެ. އަޅުގަނޑު ބުނެފީމެވެ. ތިހެންވިއްޔާ އެއްޗެއް މަރާލީމާ އެނިމުނީ ނޫންހޭ؟ ރަހުމަތްތެރިޔާ ހީލާފައި ބުންޏެވެ. އެއެއް މަރެއްވެސް ނުވިއެވެ. ހަމަ ދިރިދިރި ދުވަހުން ދުވަހަށް ދަނީ ބޮޑުވަމުންނެވެ. އަހައިފީމެވެ. އެއީ ދިރޭ ފުރާނަ ހުރި ނުވަތަ ފުރާނަ ނެތަސް ދިރޭއެއްޗެއް ހެއްޔެވެ. ޖަވާބުގައި ރަހުމަތްތެރިޔާ ބުނީ އެއީ ދިރުމެއް ފުރާނައެއްވެސް ހުރި އެއްޗެއް ނޫނެވެ. ސޫރައެއް ސިފައެއްވެސް ހުރި އެއްޗެއްނޫނެވެ.

އަޅުގަނޑު ބުނެފީމެވެ. އެވަރުގެ އެއްޗެއް އޭނާ ގެންގުޅެނީ ކީއްކުރަންހެއްޔެވެ؟ އެއެއްޗެއް ދޫކޮށްލާފައި އެއާވަކިވީމަ ނިމުނީނޫންހޭ؟ ޖަވާބުގައި ރަހުމަތްތެރިޔާ ބުނީ އޭނާއަށް އެނުގެންގުޅެވެސް ވާނެ އެއްވެސް ގޮތެއް ނެތެވެ. ގެންގުޅެންޖެހެއެވެ. ބަހަލައްޓަންވެސް މަޖުބޫރެވެ. އެކަމަކު ހަމަ އެއްޗެއް ބޮޑުވަމުން ދާތީ އޭނާ އެއުޅެނީ ހަދާނެ އެއްވެސް ގޮތެއް ކުރާނެ އެއްވެސް ކަމެއް ނެތިގެން އޭނާ އެހުންނަނީ ހިތްދަތިވެ މޮޅިން މޮލިސާލުލައި ހިތާމައާއި ހިތްދަތިކަމުން މާޔޫސްވެ ދިރިއުޅުމުގެ ހުރިހާ ކަމަކުން ހާސްވެ ގޮތްހުސްވެފައެވެ.

ވީއިރު މިކަމަށް ކަލޭ ދޭނެ ލަފައެއް ހަމަ ނެތީތޯ އަނެއްކާވެސް ރަހުމަތްތެރިޔާ ސުވާލުކުރުމުން ޖަވާބުގައި އަޅުގަނޑު ބުނެފީމެވެ. ތިޔައީ އަޖައިބެކެވެ. ދުނިޔޭގެ އަޖައިބުތަކުގެ ތެރެއިން އަރައިހުރި ބޮޑު އަޖައިބެކެވެ. އިތުރަށް އަޅުގަނޑަށް ލަފައެއް ދޭން އެނގޭނީ އެއީ ކޮންއެއްޗެއްކަން މަޢުރިފާވެ އެނގިގެންނެވެ.

ރަހްމަތްތެރިޔާ ހީލާފާއި ބުންޏެވެ. ކަލެއަށް ނޭނގުނުހެއްޔެވެ. އެއީ ޚަރަދެވެ. އަޅުގަނޑު ހެމުންހެމުން ބުނެލީމެވެ. ތިޔައެއްޗެއް ކުޑަކުރަން އޭނާ ނުކުރާ އެއްވެސް ކަމެއް ނެތުނީމާ ދެން އެކުޑަވާނީ އޭނާ ދުނިޔެ ދޫކޮށް ދިއުމުންނެވެ.

ގުޅުންހުރި ލިޔުންތައް