ލަންކާ ރިޔާސީގަނޑުވަރުން 17 މިލިޔަން ރުޕީސް ފެނުނު!
ދެންމެ | 10 ޖުލައި 2022

ސްރީލަންކާގެ ރައީސް ގޮތަބަތާ ރާޖަޕަކްސަ ދިރިއުޅުއްވަމުން ގެންދެވި ރިޔާސީ ގަނޑުވަރަށް އިއްޔެ އާއްމު ރައްޔިތުން ވަދެ، ތަންތަން ފާސްކުރަމުން ގެންދަނިކޮށް 17 މިލިއަން ރުޕީސް ފެނިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރިޔާސީ ގަނޑުވަރަށް ވަން އާއްމުން ގިނަ އަދަދެއްގެ ފައިސާ ގުނަން ތިބި މަންޒަރު ފެންނަ ވީޑިއޯތަކެއް މިއަދު ވަނީ އާއްމުވެފައެވެ.

ސްރީލަންކާގެ ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ރިޔާސީ ގަނޑުވަރުން 17 މިލިއަން ރުޕީސް އާއްމުން ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެފައިސާ އާއި ހަވާލުވެފައި ވަނީ ފޯޓްގައި ހުންނަ ފުލުހުންގެ ޑިވިޝަނުން ކަމަށެވެ. ފައިސާ އާއި ހަވާލުވުމަށް ރިޔާސީ ގަނޑުވަރަށް ފުލުހުންގެ ޓީމެއް ދިޔަ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ. ފައިސާ އާއި ހަވާލުވި ލިޔެކިޔުންތައް ވެސް އެބަހުރި ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ. ފައިސާތަކާއި ދޭތެރޭ ދެން ކަންތައް ކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

ސްރީލަންކާގެ އެތައް ހާސް ބަޔަކު އިއްޔެ ވެރިރަށް ކޮލަމްބޯގެ މަގުތަކަށް ނިކުތް ފަހުން ރައީސް ގޮތަބަޔާގެ އެއްވެސް ޚަބަރެއް ނުވެއެވެ. ނަމަވެސް އަންނަ ބުދަ ދުވަހު ރައީސް ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ގޮތަބަޔާ ވަނީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަށް ދަންނަވާފައެވެ.

ގޮތަބަޔާ މިހާރު އޭނާގެ އާއިލާ އާއިއެކު ސްރީލަންކާ އިން ފުރައިގެން ހިނގައްޖެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެކަން އަދި މިހާތަނަށް އެއްވެސް ފަރާތަކުން ކަށަވަރެއް ނުކޮށްދެއެވެ.

ގޮތަބަޔާގެ ގަނޑުވަރުން ގިނަ އަދަދެއްގެ ފައިސާ ފެނުނުއިރު ރާޖަޕަކްސަގެ އާއިލާ އަކީ ބުނެވޭ ގޮތުގައި ސްރީލަންކާގެ އެންމެ މުއްސަނދި އެއްއާއިލާ އެވެ. ނަމަވެސް ރާޖަޕަކްސަގެ ވިޔަފާރިތައް ކުރަނީ ވަރަށް ސިއްރުންނެވެ. އެހެންކަމުން ވިޔަފާރި އާއި ގުޅޭ މައުލޫމާތުތައް އާއްމުކޮށް ފެންނާކަށް ނުހުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!