މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދައުލަތުގެ ބަޖެޓު ސަޕްލިމަންޓު ނުކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި މިންގަނޑުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ހަމަޖައްސާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީން އަލަށް ނެރުނު ”ބަޖެޓު ނަތީޖާގެ ބަޔާން 2025“ ރިޕޯޓުގައެވެ. މި ރިޕޯޓުގައިވާ ގޮތުން، 2021 ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ހަތަރު އަހަރު ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅާފައިވީ ނަމަވެސް، 2025 ވަނަ މާލީ އަހަރު ނިންމާލާފައިވަނީ މަޖިލީހުން ކަނޑައެޅި ބަޖެޓުގެ ތެރޭގައެވެ. މިއީ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދައުލަތުގެ މާލީ ހާލަތު ހަމަބިމަށް ތިރިކުރުމަށާއި، ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށެވެ. އަދި ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ހާއްސަ ސިޔާސަތުތަކެއް ވަނީ ކަނޑައަޅާފައެވެ. މި އިސްލާހީ ފިޔަވަޅުތައް އަޅަމުންދިޔަ އިރުވެސް، އާންމު ރައްޔިތުންނަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އިޖުތިމާއީ ރައްކާތެރިކަމުގެ ހިދުމަތްތަކާއި ސަބްސިޑީތައް ދެމެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.
ދައުލަތުގެ ހަރަދުތައް ހިފެހެއްޓުމަށްޓަކައި ބަޖެޓު ތަންފީޒުކުރުމުގެ ކޮންޓްރޯލްތައް ވަނީ ހަރުދަނާކޮށްފައެވެ. ވަކިން ހާއްސަކޮށް، ޕީއެސްއައިޕީ މަޝްރޫއުތައް ހިންގާ އުސޫލަށް ގެނައި ބަދަލުތަކާއެކު، ޖުމްލަ ހަރަދު ހުންނާނެ ކަމަށް ލަފާކުރި 49.2 ބިލިއަން ރުފިޔާގެ ބަދަލުގައި، އަހަރު ނިމުނުއިރު ހަރަދު ކުރެވުނީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ ބަޖެޓު ކުރި އަދަދަށްވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ހަރަދުތައް ކުޑަކުރެވުނު އިރު، ދައުލަތަށް ލިބުނު އާމްދަނީ ވަނީ އަންދާޒާ ކުރި ވަރަށް ވުރެ އިތުރުވެފައެވެ. 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 74.4 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ޓޫރިޒަމް ދާއިރާއަށް ބަލާއިރު، ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ލަފާކުރި ވަރަށް ވުރެ ކުޑަކޮށް ދަށްވީ ނަމަވެސް (2.24 މިލިއަން)، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ނުވަތަ ’ބެޑް ނައިޓްސް‘ ވަނީ އިތުރުވެފައެވެ. މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ، އޭގެ ތެރޭގައި ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި ވޯކް ޕާމިޓް ފީ ފަދަ ކަންކަމުން ލިބުނު އާމްދަނީ އިތުރުވުމަކީ ބަޖެޓަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މިނިސްޓްރީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ނަތީޖާއަކީ ފިސްކަލް ޑެފިސިޓް (ބަޖެޓުގެ ތަފާތު) ކުޑަކުރެވުމެވެ. ބަޖެޓުގައި 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް، އެ އަދަދު ވަނީ 4.4 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 6.3 ޕަސެންޓޭޖް ޕޮއިންޓުގެ ދަށްވުމެކެވެ. މިއާއެކު، 2025 ވަނަ އަހަރަކީ ފާއިތުވި ހަ އަހަރުގެ ތެރޭގައި އެންމެ ދަށް ފިސްކަލް ޑެފިސިޓެއް ރެކޯޑު ކުރެވުނު އަހަރެވެ.
ދައުލަތުގެ ޖުމްލަ ދަރަނި 2025 ވަނަ އަހަރުގެ ނިޔަލަށް ހުރީ 154.9 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 129.8 ޕަސެންޓެވެ. މިދިޔަ އަހަރުގެ ތެރޭގައި ދަރަނި ދެއްކުމަށް އެކަނިވެސް 10.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި ނަތީޖާތަކަކީ ސަރުކާރުން ގެންގުޅުނު ހަރުދަނާ މާލީ ސިޔާސަތުތަކުގެ ފޮނި މޭވާ ކަމަށެވެ. މީގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އޮތް ބުރަ ކުޑަވެ، ބަޖެޓުގެ އިތުބާރު ބޮޑުވެގެން ގޮސްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.



