ޖަލަށް އިންޑިޔާ އޮފިސަލުންނެއް ނުވަދޭ: ޕޮލިސް
ދެންމެ | 11 ޖުލައި 2022

ޔޯގާ ހަރަކާތް ހުއްޓުވަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ތިބި ކަސްޓޯޑިއަލް ޖަލަށް އިންޑިއާ އޮފިޝަލުން ވަދެފައިނުވާނޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ބުނެފިއެވެ.

ޕޮލިހުން މިކަން ހާމަކޮށްފައި މިވަނީ ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން ބަންދުކޮށްފައި ތިބި ޖަލަށް އިންޑިއާ އޮފިޝަލުން ވަދެ، އެމީހުންނާއި ހަޑިހުތުރު ބަހުން މުއާމަލާތްކުރިކަމަށް ބުނެ ހައްޔަރުކޮށްފަައިވާ މީޙުންގެ ވަކީލުން ވާހަކަދައްކާފައިވާތީ އެކަމަށް ރައްދު ދެމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ ޖޫން 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި މީހުން ބަންދުގައި ބައިތިއްބާފައި ތިބި ކަސްޓޯޑިއަލް ޖަލަށް އިންޑިއާ ހައިކޮމިޝަނުގެ އޮފިޝަލުން ވަތްކަމަށް ބުނެ ބަންދުގައި ތިބި މީޙުންގެ ވަކީލުންނާއި ހަވާލާދީ ބައެއް ނޫސްތަކުން ގެނެސްދީފައިވާ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރުތަކެއްކަމަށެވެ.

ފުލުހުން ވަނީ މިއީ ފުލުހުންގެ މުއައްސަސާގެ ތަސައްވުރު ކިލަނބުވެ، ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާއި މެދު ނަފްރަތު އުފެދި އިތުބާރު ގެއްލިގެންދާނޭފަދަ ކަމެއް ކަމުގައިވާތީ، މިފަަދަ ހަބަރުތައް ގެނެސްދިނުމުގައި އިތުބާރު ކުރެވޭ މަސްދަރުތަކުން ޔަގީންކުރުމަށް އިލްތިމާސް ކޮށްފަވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ބަންދަށް ގިނަ ދުވަސްތަކެއް ވަނީ ދީފައެވެ. ނަމަވެސް ވަކީލުން ބުނާގޮތުން ހައްޔަރުކޮށްފައި ތިބި ބައެއް މީހުންނާއި ދެކޮޅަށް އެކަށީގެންވާ ހެއްކެއް ނެތެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!