އަންނަ އަހަރު ރަސްމާލޭގައި ފްލެޓްތައް އަޅަން ފަށާނަން: ރައީސްް
ދެންމެ | 06 ފެބްރުއަރީ 2025

ރަސްމާލެ ހިއްކާ ނިންމާ އަންނަ އަހަރު އެތަނުގައި ފްލެޓްތައް އަޅަން ފެސޫމުގެ އަމަލީ މަސައްކަތް ފައްޓާވާނެކަމަށް ރައީސް ޑރ، މުހައްމަދު މުިއއްޒު ވިދާޅުވެއްޖެެއެވެ.

ރަސްމާލެ ހިއްކާ އެތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އެއީ މި ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއުއެވެ.

މިއަހަރަށް ރައްޔިތުން މަޖިލސް ހުޅުވާ ދެއްވާ އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރުމަށް ދިމާވި ދަތިތަކާއި ގޮންޖެހުންތަކާއި އެކުވެސް ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެ ސަރަހައްދުގެ ބިން ހިއްކާ ނިންމުންކަމަށެވެ. އަދި އަންނަ އަހަރު އެތަނަށް ބޭނުންވާ އަސާސީ ހިދުމަތްތަކުގެ މަސައްކަތާއި ފްލެޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

“ ދިމާވި ތަަފާތު ދަތިތަކާއި އެކުވެެސް ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ބިން ހިއްކުން ނިންމާ 2026 ވަނަ އަހަރުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުން. “ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އުއްމީދީ މަޝްރޫޢުގެ ގޮތުގައި ކުރިއަށްދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ޖުމުލަ 1,153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އެވެ. އެހެންނަމަވެސް އެ ކުންފުންނާއި އެކު ހެދި އެއްބަސްވުން ބާތިލުކޮށް މިހާރު މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އާއެވެ. މި ދެ ކުންފުންނާއި މަސައްކަތް ހަވާލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު ލޯނެއް ނަގައިގެންނެވެ.

ރަސްމާލެ މަޝްރޫޢުގެ 5 ސަރަހައްދެއް ހިއްކުމުގެ ކުރިން އެސަރަހައްދުތަކުގައި ހުރި މުރަކައިގެ ދިރުން އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު ވަނީ ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!