ހދ. ކުޅުދުއްފުށީ ސިޓީގެ ފިހާރައަކަށް ކަތިވަޅިއެއް ހިފައިގެން ވަން ވަތް މީހަކު އެއް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މި ހުކުމް އިއްވާފައިވަނީ ކުޅުދުއްފުށީ، ކަނޑޫމާގެ އިބްރާހީމް ހަސަންގެ މައްޗަށެވެ.
މި މައްސަލައިގައި އިބްރާހީމްގެ މައްޗަށް ދައުލަތުން ދަޢުވާކޮށްފައިވަނީ މަޤްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ އެވެ. މި ހާދިސާ ހިނގާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 7:12 އެހާކަށްހާއިރު އެވެ. އެ ވަގުތު އިބްރާހީމް ވަނީ ކުޅުދުއްފުށީ ”ފެހިދޫލަ 1“ ފިހާރައަށް ތިލައިގައި ފޫޓެއްހާ ދިގުމިން ހުރި ކަތިވަޅިއެއް ހިފައިގެން ވަދެފައެވެ.
ޝަރީޢަތުގައި ދަޢުވާ އިއްވުމަށްފަހު، އިބްރާހީމަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުން، އޭނާ ވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ. އަދި ވަކީލަކާ ނުލައި އަމިއްލައަށް ޖަވާބުދާރީވާން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.
ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ތިން ޝަފަހީ ހެއްކަކާއި ފަސް ކިތާބީ ހެކި ހުށަހަޅާފައެވެ. ނަމަވެސް، އިބްރާހީމް ވަނީ އެއްވެސް ހެއްކެއް ހުށަނާޅައެވެ. ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި ޝަރީޢަތުން ވަނީ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.
އިބްރާހީމްގެ ކުށުގެ ރެކޯޑަށާއި ކުށުގެ ބާވަތަށް ރިޢާޔަތްކޮށް، ދައުލަތުން އެދިފައިވަނީ މި މައްސަލައިގައި ދެވޭނެ އެންމެ ބޮޑު އަދަބެއް ކަނޑައެޅުމަށެވެ. އެގޮތުން، ޝަރީޢަތުން ވަނީ އިބްރާހީމް ހަސަންގެ މައްޗަށް 12 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މި މައްސަލައިގެ ޙުކުމް އިއްވާފައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ.