ރައީސް ޔާމީންގެ ހުކުމް ކުރުން މާދަމައަށް ތާވަލު ކޮށްފި
ދެންމެ | 17 އޭޕްރިލް 2024

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިިއުނާފީ މައްސަލައިގެ ހުކުމް މާދަމާ އިއްވާ ގޮތަށް ހައިކޯޓުގައި އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފިއެވެ.

 

ހައިކޯޓުގެ ތާވަލުގައި ވާގޮތުން ރައީސް ޔާމީންގެ އިސްތިއުނާފު ހުކުމް ކުރުން ހަމަޖެހިފައި ވަނީ މާދަމާގެ މެންދުރު 13:00 އަށެވެ.

 

ވ. އާރަށް ވިއްކައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާއިން މަންފާ ނެންގެވިކަމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 05 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ހުކުމްކޮށްފަ އެވެ.

 

ކޯޓުގައި ގިނަ ދުވަސްވެފައިވާ މި މައްސަލައިގެ ހުކުމަކާއި ހަމައަށް އާދެވުނު ނަމަވެސް މިފަހުން އެއްވެސް އަޑުއެހުމެއް ކުރިޔަށް ގެންދިވިފައި ނުވަނީ ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުންނެވެ.

އަޑުއެހުންތައް ކުރިޔަށް ނުދާތީ، ރައީސް ޔާމީން ވެސް އެކިފަހަރުމަތީން ކަންބޮޑުވުންފާޅުކޮށް އެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.

މި މައްސަލައިގެ އިސްތިއުނާފަށް، ރައީސް ޔާމީންގެ ފަރާތުން ގިނަ ނުކުތާތައް ހުށަހަޅުއްވާފައި ވެއެވެ. އެ ނުކުތާތަކުގެ ރައްދުގައި ދައުލަތުން ކޯޓުގައި ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ހުށަހެޅީ މައްސަލައިގެ ބާވަތުންނާއި އަދި އެއީ އެހެން ގައުމުތަކުގައި ވެސް ޕްރެކްޓިސް ކުރާ އުސޫލަކަށް ވާތީ ކަމަށެވެ.

ދައުލަތުން ބުނީ ކޮރަޕްޝަން ފަދަ އަމަލުތަކަކީ މަދު ބަޔަކު ޝާމިލުވާގޮތަށް ހިންގާ ކުށްތަކެއް ކަމަށެވެ. މިސާލެއްގެ ގޮތުގައި ދައުލަތުން ތަކުރާރުކޮށް ފާހަގަކުރަނީ ބްރެޒިލްގައި ހިނގައިދިޔަ ކޮރަޕްޝަންގެ މައްސަލަ އެކެވެ.

މި މައްސަލައިގެ އެންމެ ބޮޑު އެއް ހެކި އަދީބު މިވަގުތު މިނިވަނެއްގެ ގޮތުގައި ހުންނެވި އިރު، އެކަން ވަކީލުން ދަނީ ދިފާއެއްގެ ގޮތުގައި ނަގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!