އެސްޓީއޯ ކާށިން ބަރާ ކޮށްލައި، ދެ ކިލޯ ކާށި 40 އަށް ވިއްކަން ފަށައިފި
ދެންމެ | 04 މާރޗް 2025

ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން އިތުރު ކާށިގެނެސް ވިއްކަން ފަށައިފިއެވެ.

ރަމަޟާން މަހު ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިއާއިން ރާއްޖެ ގެނައި ދެވަނަ ބެޗްގެ ކާށި މިހާރު އެސްޓީއޯ ޕީޕަލް ޗޮއިސްއިން ވިއްކަމުންދާކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. މިހާރު ކާށި ކިލޯއެއް 20 ރުފިޔާ ވިއްކާއިރު، ކާށީގެ ސައިޒަށް ބަލައި، ކާއްޓެއްގެ އަގު ޖެހޭނީ ގާތްގަނޑަކަށް 7 ރުފިޔާއާއި 9 ރުފިޔާއާ ދެމެދުގައެވެ.

އެސްޓީއޯއިން ކާށި ކިލޯއެއް 20 ރުފިޔާ އަށް ލިބެންހުރިއިރު، ލޯކަލް މާރުކޭޓުން ކާއްޓެއް ވިއްކަނީ 40 ރުފިޔާއަށެވެ.

މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައެވެ. އެގޮތުން މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީގެން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރާވާފައިވާކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

އެސްޓީއޯއިން ވަނީ ރޯދައަށް ޚާއްސަކޮށްގެން ހަތަރު ކެޓެގެރީ އަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކޮށްފައެވެ. އޭގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފިޔާ، ބިސް، އަލުވި، ކާށި އަދި ލުނބޯ ހިމެނެއެވެ. މީގެ އިތުރުން ތާޒާ ތަރުކާރިއާ މޭވާ އާއި ތައްޔާރީ ކާނާގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ތަކެތިވެސް އެތެރެކުރުމަށް ހަމަޖެހިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!