އެމްބާއަށް އެހީވުމަށް ސައުދީގެ މަހުޖަނަކު ކައިވެނި ހުށަހަޅައިފި
ދެންމެ | 13 ޖުލައި 2022

ހޮލީވުޑްގެ އެކްޓަރެއް ކަމަށްވާ ޖޮނީ ޑެޕުގެ އަބުރު ގެއްލޭ ގޮތަށް އެމްބާ ހާޑް ދައްކާފައިވާ ވާހަކަތަކާ ގުޅިގެން އެމްބާއަށް ކުރިމަތިލާން ޖެހިފައިވާ މާލީ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީގެ މަހުޖަނަކު އޭނާއާ ކައިވެނި ކުރަން ހުށަހަޅައިފި އެެވެ.

އެ މައްސަލައިގައި އެމްބާ، ޑެޕަށް 15 މިލިއަން ޑޮލަރު ދިނުމަށް ހުކުމްކޮށްފައިވެ އެވެ.

ކައިވެނިކޮށްގެން އުޅުނު އިރު ގެވެށި އަނިޔާގެ ޝިކާރައަކަށްވި ކަމަށް ބުނެ 2018 ވަނަ ވޮޝިންޓަން ޕޯސްޓްގައި ހާޑް ޝާއިއުކުރި ލިޔުމަކާ ގުޅިގެން އަބުރު ގެއްލުނު ކަމަށް ބުނެ ޑެޕް ދައުވާކުރީ 50 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދާށެވެ. ހާޑްގެ ތުހުމަތާ ގުޅިގެން ޑެޕުގެ ވަކީލުން ދެއްކި ވާހަކަތަކާ ގުޅިގެން އަބުރު ގެއްލި ކެރިއަރަށް ނޭދެވޭ އަސަރުކުރި ކަމަށް ބުނެ ހާޑް ވަނީ 100 މިލިއަނުގެ ބަދަލަކަށް ދައުވާކޮށްފަ އެވެ.

މި މައްސަލަ ޑެޕް ކާމިޔާބުކޮށްފައިވާއިރު، އެމްބާއަށް އެކި ގޮތްގޮތުން އާންމުންގެ ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވެ އެވެ. ހަމަ އެހެންމެ އޭނާ ވަނީ މާލީ ގޮތުން ވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެހެންނަމަވެސް އެ ހާލަތުން އަރައިގަތުމަށް އެހީތެރިވެދިނުމަށް ސައުދީ އަށް ނިސްބަތްވާ މަހުޖަނަކު ވަނީ އެމްބާއާ ކައިވެނިކުރުމަށް އެދިފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ މީހަކު ވަނީ އޭނާ އަކީ ޖޯނީ އަށް ވުރެ އެތައް ގޮތަކުން ރަނގަޅު މީހެއް ކަމަށް ބުނެފަ އެވެ. އަދި އެމްބާގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭނެ ކަމަށް އޭނާ ވައުދުވެފައިވެ އެވެ. އޭނާ ވަނީ އޭނާއާ އެމްބާގެ ޖޯޑަށް ރަހުމަތް ލެއްވުމަށް އެދި ދުއާކޮށްފަ އެވެ.

މިކަމާ ގުޅިގެން މިހާތަނަށް އެމްބާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!