ޕާޕާ އާއި މޮސްޓާ އަދި ރަމީޒުގެ އަނގަނުބައި ކަމުން ރާއްޖެ ޓީވީ މާފަށް އެދިއްޖެ
ދެންމެ | 26 މާރޗް 2025

ރާއްޖެ ޓީވީގެ ”ކާލާބައިސާ“ ޕްރޮގްރާމުގައި އޯޓިޒަމް ކުދިންނާ ގުޅޭގޮތުން ދެއްކި ވާހަކަތަކަށް އެ ޓީވީ ސްޓޭޝަނުން މާފަށް އެދިއްޖެ އެވެ.

ލައިވްކޮށް ގެނެސްދިން އެ ޕްރޮގްރާމުގައި ސިޔާސީ ކަންކަމަށް ފާޑުކިޔަމުން އޯޓިސްޓިކް ކުދިންނާ ގުޅުވައި އެ ކުދިންނަށް ފުރައްސާރަވާ ގޮތަށް ޖޯކު ޖެހި މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. އަދި އެކަން ބަލަމުންދާ ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ކޮންޓެންޓްތަކާ މެދު ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.

އެ މައްސަލާގައި ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނީ ލައިވްކޮށް ގެނެސްދިން ޕްރޮގްރާމެއްގައި މެހެމާނުންގެ ގޮތުގައި ބައިވެރިވި ބޭފުޅުން، ރައީސްއަށް ނިސްބަތް ކުރައްވާ، ”މީނާއަކީ މިއީ އަސްލު އޯޓިސްޓިކް ގޮތެއް ހުންނަހެން ހީވަނީ، މި އޮޕަރޭޓްކުރާ އޯޓިސްޓިކް އެކަންޏެއް ނޫން. ޑައުންސިންޑްރޮމް ވެސް ހުންނަހެން ހީވަނީ.“ އެ އިބާރާތް ބޭނުންކޮށްފައިވާ ކަމަށެވެ.

އެ އިބާރާތާ ގުޅިގެން އީ އޯޓިޒަމް ކުދިންނަށް ނިކަމެތި ކަމެއް އަންނަ ގޮތަށް ދެކެވުނު ވާހަކަތަކެއް ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންދާތީ، އޭގެ ސަބަބުން އޯޓިޒަމް ކުދިންނަށް ނިކަމެތި ކަމެއް އަންނަ ކަމަށް އެއްވެސް ބަޔަކަށް ގަބޫލުކުރެވޭނަމަ މާފަށް އެދޭ ކަމަށް ބަޔާނުގައިވެ އެވެ.

ޕްރެޒެންޓަރު ހުސައިން ރަމީޒު ހުށަހަޅައިދިން އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

އޯޓިސްޓިކްގެ އިތުރުން ޑައުން ސިންޑްރޯމްގެ ކުދިންނަށް ރައްދުވާ ގޮތަށް އަދި އެ ކުދިންގެ ހައްގަށް އަރައިގަނެވޭ ގޮތަށް މޮސްޓާ ވާހަކަ ދައްކަވައި، ޕާޕާ އަށް މޮސްޓާ ހިތްވަރު ދެއްވި މައްސަލާގައި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!