އަތުން ފާފަ ކުރެވުނަސް އެ އަތުން މުންކަރާތް މަނާ ކުރެވޭނެ!
ދެންމެ | 14 ޖުލައި 2022

މުންކަރާތެއް މަނާކުރާމީހަކީ އެކަން ނުކުރާ މީހަކަށްވުމަކީ ޝަރުޠެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. ފާފަވެރިންވެސް އެކަކު އަނެކަކު ކުރަމުންދާ ކަންތައްތައް މަނާކުރަން ޖެހޭނެއެވެ. މުސްލިމުއަޅާއަށް ނުކުރެވޭ ހެޔޮކަންތައްތަކަށްވެސް އޭނާ އަމުރުކުރުމަކީ ލާޒިމުކަމެކެވެ. ނަމަވެސް އޭނާގެ ބަހާ ޢަމަލާ ދިމާ ނުވުމުގެ ލައްގަނޑު އޭނާގެ ކިބައިން ފެނިގެންދާނެއެވެ.

އަބުއްދަރުދާ ވިދާޅުވިއެވެ.

“(ބައެއް ފަހަރު) ތިމަންކަލޭގެފާނަށް ނުކުރެއްވޭ ހެޔޮކަންކަން ކުރުމަށް، (މީސްތަކުންނަށް) ތިމަންކަލޭގެފާނު އަމުރުކުރައްވަމެވެ. އުންމީދަކީ ﷲ ތަޢާލާ ތިމަންކަލޭގެފާނަށް އެކަމުގެ އަޖުރުދެއްވުމެވެ.”

ފަހެ މިއުޒިކު އަޑު އަހާމީހަކަށް އެހެން މީހަކު މިއުޒިކު އަޑުއަހަނިކޮށް ފެނިއްޖެނަމަ ދަންނައެވެ. އޭނާ އެކުރާ ޙަރާމްކަންތައް ކުރުން މަނާކުރުމަކީ ވާޖިބެކެވެ. އެއީ އެމުންކަރާތާމެދު ހަނުހުރެއްޖެނަމަ އޭނާ އެޖަމާކުރީ ދެ ޙަރާމްކަންތަކެވެ.

ފުރަތަމައީ: އޭނާ މިއުޒިކު އަޑުއެހުމެވެ.

ދެވަނައީ: އެ މުންކަރާތާމެދު ހަނުހުރެ އެކަން އިންކާރު ނުކުރުމެވެ.

މީހަކު މުންކަރާތަކަށް އަރައިގަންނަ މަންޒަރުފެނި އެކަން މަނާނުކުރި މީހަކު ދަންނައެވެ. އޭނާ އެކަމުގައި އެމީހާއަށް ވާގިވެރިވެއްޖެއެވެ. އެއީ އޭނާ އެފާފަކުރުމަށް ދޫކޮށްލުމުންނެވެ. ފާފަތަކާމެދު ހަނުހުރުމަކީ ހިތްތަކުގައި އެފާފަތައް ޒީނަތްތެރިވެގެންދާ ކަމެކެވެ. އަދި މުންކަރާތާ ދުރުވުމަކީ، މުންކަރާތް ހިތުން އިންކާރުކުރުމުގައި ލާޒިމުކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!