އަމިއްލަ އަމިއްލައަށް ރޯދަ އާއި އީދު އިއުލާން ކުރުމަކީ ގޯސްކަމެއް: މިނިސްޓަރު
ދެންމެ | 29 މާރޗް 2025

އެއްވެސް ބަޔަކު އަމިއްލަ އަމިއްލައަށް ރޯދަ އާއި އީދު ދުވަސް އިއުލާން ކުރުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށާއި އެހެންވެ އެ ކަމަށް ސަމާލުވާން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެދިވަޑައިގެންފި އެވެ.

މި ފަހަރުގައި ޝައްވާލް މަހަށް ހަނދު ބެލުމުގައި އިސްލާމީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރި އިރު، ފަލަކީ ހިސާބުތައް ދައްކާ ގޮތުން ނަމަ ރާއްޖެ އާއި ރާއްޖެ އަށް ވުރެ އިރުމަތީގައި އޮތް އެއްވެސް ގައުމަކަށް މި ރޯދަމަހުގެ 29 (މިއަދުގެ) ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހު، ޝައްވާލް މަހުގެ ހަނދެއް ނުފެންނާނެ އެވެ. އެހެންވެ، ދިވެހި ކަލަންޑަރުގައި މިހާރު އީދު ދުވަސް ކަމަށް ކަނޑައަޅާފައި ވަނީ އަންނަ ހޯމަ ދުވަސް ކަމަށް ވިޔަސް މާދަމާއަކީ އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފަ އެވެ.

އެ މަނިކުފާނުގެ އެ ވިސްނުންފުޅާ ހިޔާލު ތަފާތު ރައުޔުތަކެއް ވެސް ބައެއް މީހުން ދަނީ ނެރެމުންނެވެ.

އެ ހިޔާލު ތަފާތުވުންތަކާ ގުޅިގެން މިނިސްޓަރު ޝަހީމް އެދިވަޑައިގަތީ އެއްވެސް މީހަކު އަމިއްލަ އަމިއްލަ އަށް އީދު އިއުލާން ނުކުރުމަށެވެ.

”ތަރިރުހަނދާ ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސް ކުރުމަކީ މައްސަލައެއް ނޫން. ނަމަވެސް މިކަން ކުރަން ވާނީ އާއްމު މަސްލަހަތަށް އަސަރު ނުކުރާ ގޮތަށް،“ ޝަހީމް ވިދާޅުވި އެވެ.

”ހާސަކޮށް ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުއީ އަޙްކާމްތަކެއް ތަރުތީބުވާ ކަންތައްތަކެއް ކަމުން މިކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކު އުފެދޭ ގޮތަށް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް.“

މިނިސްޓަރު ޝަހީމް ވިދާޅުވީ ހަނދު ސާބިތުކުރުމުގެ ކަންކަމަށް ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުގެ މަތިން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށެވެ.

މައުމޫން ވިދާޅުވާ ގޮތުން، ސައޫދީ އަރަބިއްޔާ އާއި މިސްރާއި ތުރުކީ އާއި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މިއަދުގެ އިރުއޮއްސުމަށް ފަހު، ހަނދު ނުއޮއްސި 8 މިނިޓާއި 20 މިނިޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީ، މާދަމާ (މާޗު 30 ވާ އާދީއްތަ ދުވަހަކީ) މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކުރީގެ ރެކްޓަރު ޑރ. ހަސަން ހަމީދު ވިދާޅުވެފައި ވަނީ ހަނދު ފެންނަ ދުވަސް ބަލަން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ހަނދު އުފަންވާ ވަގުތު ބެލުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން، އާ ހަނދު އުފަންވާނީ މިއަދު ހަވީރު 3:57 ގައެވެ. އެ ހަނދު އޮއްސޭނީ 6:14 ގައެވެ. އިރު އޮއްސޭނީ ވެސް 6:14 ގައެވެ.

މައުމޫން ރޭ ވިދާޅުވީ، ހިޖުރީ މަހެއް ނިމި، ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށާއި އިރުއޮއްސުމަށް ފަހު، ކިތަންމެ ކުޑަހިނދުކޮޅަކަށް ވިޔަސް ހަނދު ނުއޮއްސި ހުރި ކަން ހިސާބުން ސާބިތުވާ ނަމަ އާ މަހެއް ފެށުނީ ކަަމަށް މައުމޫން ރޭ ވަނީ ވިދާޅުވެފަ އެވެ.

ހަނދު ސާބިތު ކުރުމަށް އިސްލާމިކް މިނިސްޓްރީން ބާއްވާ ބައްދަލުވުން މިރޭ އޮންނާނެ އެވެ. އެ ބައްދަލުވުމުގައި ރާއްޖެއަށް ފިތުރު އީދު ވާނެ ދުވަސް ރަސްމީކޮށް ކަނޑައަޅައި އިއުލާންކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!