މާދަމާ ހަވީރު 4 އިން 6 އަށް ވެހިކަލް ދުއްވުން މަނާ ކޮށްފި
ދެންމެ | 29 މާރޗް 2025

މާދަމާ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

ސިޓީ ކައުންސިލުން މިކަން ހާމަކޮށް ބުނީ 1446 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް 13 ޖޫން 2024 ވަނަ ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.

ނަމަވެސް މި ގަޑީގައި އިމަޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރ ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައިން މާދަމާ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް ދޫކުރާނެކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ވުމާއެކު ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައިމާދަމާ ހަވީރު 16:00 އިން 18:00 އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއްކަމުގައި ކައުންސިލުންވަނީ ބުނެފައެވެ.

އަދި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!