ކޯލިޝަނަކީ އިމުރާން ކަހަލަ އިންތިހާބު ނުވާ މީހުން ދައުލަތް ދަވާލަން ކުރާ ކަމެއް: އިއްތި
ދެންމެ | 08 ޖެނުއަރީ 2023

ކޯލިޝަން ހަދަން ޖެހުން ނިމުމަކަށް ގެނައުމަށް ފުރުސަތު ނުދެނީ، ތާއީދެއް ނެތް މީހުންނަށް އެފަދަ ވެރިކަމެއްގެ ތެރެއިން ސަރުކާރުގެ ހިއްސާއެއް ލިބިގެންދާތީކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއެޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ، ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުން ބަހުގެ ހަމަލާތައް ރައްދު ކުރަމުންދާއިރު، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކޯލިޝަން ޕާޓްނަރެއްކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ރައީސް ނަޝީދަށް މަލާމާތުގެ ބަސްތަކެއް އަމާޒުކުރައްވާފައެވެ.

އިމްރާން ވަނީ ރައީސް ނަޝީދުވެސް 2008 ވަނަ އަހަރު ކޯލިޝަނެއް ހެއްދެވިކަމާއި އެ ކޯލިޝަން ރޫޅާލެއްވިކަމަށް އަލިއަޅުއްވައި، އެނާ ވިދާޅުވީ، ކޯލިޝަނެއް ހިފެހެއްޓުމުގެ ގާބިލުކަން ނެތް ރައީސްއަކަށް ވެރިކަމެއް ކުރުން ވެގެންދާނީ ދަތިކަމަކަށް ކަމަށެވެ.

އިމްރާންގެ ވާހަކަތަކަށް ރައްދު ދެއްވައި، ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ އިމްތިޔާޒް ވިދާޅުވީ، ރާއްޖެގައި އޮތީ ކޯލިޝަން ހެދުމުގެ ތޮވީއަތާއި ހިލާފު ވެރިކަމުގެ ނިޒާމެއް ކަމަށެވެ. އެހެން ނަމަވެސް އެފަދަ ނިޒާމެއް ބާއްވައިގެން ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަށް ބާރު އަޅަމުންދާ ބަޔަކުވެސް ތިބިކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އިމްތިޔާޒް ވިދާލުވީ، އެފަދަ ގޮތަކަށް ކަންކަން ދެމެހެއްޓުމަށް ބާރު އަޅަމުންދަނީ އަދި އެކަން ބަދަލުވިޔަ ނުދިނުމަށް “މަރަށް” ތެޅެނީ ތާއީދު ނެތް މީހުންކަމަށެވެ. އަދި އެކަން ކުރުމުގެ މަގުސަދަކީ ވެރިކަމުގެ ބޮޑު ހިއްސާއެއް ހޯދުންކަމަށް އެނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ، ރައީސް ސާލިހު އަދި ރައީސް ނަޝީދުގެ ފެކްޝަނުންވެސް ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންކަމަށްވާއިރު، ރައީސް ނަޝީދުވަނީ ރައީސް ސާލިހުގެ ވެރިކަމުގެ ވައުދުތައް ނުފުއްދޭކަމަށް ފާހަގަކުރައްވާ، އެމަނިކުފާނު “ރިއެކްޓު” ނުކުރައްވާކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ތުހުމަތު ކުރައްވާގޮތުން ރައީސް ސާލިހު މަސައްކަތްކުރައްވަނީ އެމްޑީޕީގެ އެތެރެ ބަދަލުކޮށް އެހެން ޕާޓީއެއް އުފެއްދުމަށެވެ.

ރައީސް ސާލިހު އަދި އެމަނިކުފާނުގެ ކެމްޕެއިން ޓީމުންވެސް ވަނީ ރައީސް ނަޝީދު ގެންގުޅުއްވަމުންދަނީ އަދި ދިރުވަމުންދަނީ އެމްޑީޕީ ނޫން އެހެން ފިކުރެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ދައްކަވަމުންދަނީ އެހެން ޕާޓީއެއް އުފަން ކުރުމުގެ ވާހަކަކަމަށްވެސް ވިދާޅުވެފައިވާއިރު، އެންމެ ގިނައިން ފާޑުކިޔުންތައް އަމާޒުކުރަމުންދަނީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓިގެންދިޔަ ގޮތާއިމެދުއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!