ގްރޫޕް މާރާމާރީގެ ތުހުމަތުގައި ދެ މީހަކު 5 ދުވަހަށް ބަންދުކޮށްފި
ދެންމެ | 31 މާރޗް 2025

ޖަމާއަތް ހަދައިގެން މާރާމާރީ ހިންގައި ބިރުދެއްކުމުގެ ތުހުމަތުގައި ދެ މީހަކު 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ގއ.ވިލިގިލި، ސޯސަން ވިލާގެ ވިކާޝް އަހުމަދު (25 އަހަރު) އާއި ގދ.ފަރެސްމާތޮޑާ، ފަރެސް އަވަށުގެ އަހުމަދު އީމާން މުހައްމަދު (27 އަހަރު) އެވެ.

ކޯޓު އަމުރުގައިވާ ގޮތުން، މި ދެ މީހުން ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ ތުހުމަތު ވުޖޫދުވާ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާތީއެވެ. މިގޮތުން އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ސީސީޓީވީ ފުޓޭޖާއި، ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓާއި އިންޓެލިޖެންސް ރިޕޯޓް ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި މި މައްސަލައަކީ އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިނގާފައިވާ ކަމެއްކަން ފުލުހުން ހުށަހެޅި ލިޔުންތަކުން އެނގޭ ކަމަށް ކޯޓުން ބުނެފައިވެއެވެ.

ވިކާޝް އާއި އީމާން ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލުމަށްފަހު، ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. ބަންދުގެ މުއްދަތު ކަނޑައަޅާފައިވަނީ 31 މާރޗް 2025 އިން ފެށިގެން 5 އޭޕްރިލް 2025 ގެ ނިޔަލަށެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި، ދެ މީހުން ވެސް ވަނީ އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި ވަކީލަކު އައްޔަންކުރަން ބޭނުންވާ ކަމަށް ބުނެފައިވާތީ، ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ކޯޓުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!