ހައްޔަރުކުރި ލަންކާ މީހާ ކޯޓުން ދޫކޮށްލައިފި
ދެންމެ | 14 ޖުލައި 2022

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ، ފިއްލަވައިގެން ރާއްޖެ އައުމާއި ގުޅިގެން އެ ގައުމުގެ ރައްޔިތުންތަކެއް ދިވެހިރާއްޖޭގެ ވެރިރަށް މާލެސިޓިގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖު ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަރާތް ޝަރުތުތަކަކާއިއެކު ދޫކޮށްލައިފިއެވެ.

ސްރީލަންކާގައި ހުދުމުހުތާރު އާއިލީ ވެރިކަމެއް ކުރަމުންދިޔަ ގޯޓަބަޔާ، ދިވެހި ސަރުކާރުގެ ހިމާޔަތުގެ ދަށުން، ރާއްޖެއައުމާއި ގުޅިގެން އެ ގައުމުގެ ރައްޔިތުންތަކެއް މާލެ ސިޓީގައި ހިންގަމުންދިޔަ މުޒާހަރާ ހުއްޓުވައި، އެ މީހުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ ތެރޭގައި ފުލުހުންވަނީ، ލަންކާ ރައްޔިތުންތަކެއް ހިފައިގެންތިބި، އެ ގައުމުގެ ދިދަތައްވެސް ނަގާފައިއެވެ. އަދި އިހުތިޖާޖުގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލުމުގެ ތެރޭގައި ބައެއް ފަރާތްތައްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ، ލަންކާގެ ރައްޔިތުންނެވެ.

މިކަމާއި ގުޅިގެން މިއަދު ފުލުހުން ބުނެފައިވަނީ މާލޭގައި އިއްޔެ ލަންކާ މީހުން ކުރިއަށްގެންދިޔަ މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ލަންކާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ޝަރުތުތަކަކާއިއެކު އެމީހާ ދޫކޮށްލައިފިކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!