ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އެ މަގާމުން އިސްތިއުފާދެއްވައިފި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގޮތަބަޔަ އިސްތިއުފާ ދެއްވައިފި ކަމަށާއި ލަންކާއަށް ދެން ކުރިއަށް ދެވޭނެ އުންމީދު ކުރައްވާ ކަމަށެވެ.
އެ ޓުވީޓުގައި ވަނީ ގޮތަބަޔަގެ ފުރާނައަށް ނުރައްކަލެއް ނެތް ނަމައާއި އެ މަނިކުފާނު ލަންކާގައި ހުންނެވި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ރައީސް ނަޝީދަށް ގަބޫލުނުކުރެވޭ ކަމަށެވެ.
މީގެ އިތުރުން، އެ މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުން އަމަލު ކުރި ގޮތަށް ތައުރީފު ކުރައްވާ ކަމަށާއި ލަންކާގެ ރައްޔިތުންނަށް ހެޔޮއެދޭ ކަމަށް ވެސް ނަޝީދުގެ ޓުވީޓުގައިވެއެވެ.
ގޮތަބަޔަ ރައީސް ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހެވެ. އޭރު އެ މަނިކުފާނު ވިދާޅުވީ އިއްޔެގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެ ކަމަށެވެ.
ގޮތަބަޔަ ރާޖަޕަކްސަ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ، 2018 ވަނަ އަހަރު އެ ގައުމުގެ ބޮޑު ވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ، އެ މަގާމުން ރަސްމީކޮށް ވަކި ނުކޮށް، ހަމަ އެ މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަނުކުރެއްވުމާ ގުޅިގެން އުފެދުނު ހަލަބޮލި ކަމަށް ފަހު، 2019 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.