ތުރުކީ ސަރުކާރުން ދިވެހިރާއްޖެއަށް ހަނގުރާމަވެރި އުޅަނދެއް ހަދިޔާކުރުމަށް ނިންމައިފިއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ދިފާއީ ގާބިލިއްޔަތު އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ކުރާ ކަމެކެވެ.
ތުރުކީގެ ޑިފެންސް މިނިސްޓްރީގެ މަސްދަރުތަކުން އަނަދޯލު މައުލޫމާތު ދީފައިވާ ގޮތުގައި، މި ހަދިޔާއަކީ ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމުގެ ބައެކެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއަށް ތަކެއްޗާއި ތަމްރީނު ފޯރުކޮށްދީގެން ދިފާއީ ގާބިލިއްޔަތު އިތުރުކުރުމަށް މަސައްކަތްކުރެވޭނެއެވެ.
ހަދިޔާކުރާ އުޅަނދަކީ ޓީސީޖީ ވޮލްކަން (ޕީ-343) އެވެ. މިއީ ޑޯގަން ކްލާހުގެ އަވަސް ހަމަލާދޭ އުޅަނދެކެވެ. މި އުޅަނދު ދިވެހިރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައެވެ. މިހާރު މި އުޅަނދު ވަނީ އިސްތަންބޫލް ނޭވަލް ޝިޕްޔާޑް ކޮމާންޑްގައި މަރާމާތުކޮށް ރަނގަޅު ކުރެވިފައެވެ.
މި އުޅަނދު ދިވެހިރާއްޖެއަށް ގެނައުމަށްފަހު، ތުރުކީގެ ނޭވީގެ ޓީމެއް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ. އަދި މުޅި ޕްރޮސެސް ނިމޭނެ ކަމަށް ލަފާކުރެވެނީ ޖުލައި މަހުގެ ތެރޭގައެވެ. މި އުޅަނދުގައި މަސައްކަތްކުރާނެ ދިވެހި މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމް ވަނީ މިހާރު ތުރުކީގައި ފެށިފައެވެ. މި ތަމްރީނު ނިމޭނީ މެއި 9 ގައެވެ.
ޑޯގަން-ކްލާސްގެ އުޅަނދުތަކަކީ ޖަރުމަނުގެ ލޫރްސެން ވެރްފްޓް ކުންފުނިން ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. މި އުޅަނދުތަކަކީ 20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީގެ ކަނޑުގެ ބާރު ވަރުގަދަކުރުމަށް މުހިންމު ދައުރެއް އަދާކޮށްފައިވާ އުޅަނދުތަކެކެވެ. މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއެކު ފުރަތަމަ ފަހަރަށް ތުރުކީގެ ކަނޑުގެ ބާރުގައި ބޭނުންކުރަން ފެށި އުޅަނދުތަކެވެ.
ޑޯގަން-ކްލާސްގެ އުޅަނދުތަކުގެ ތެރޭގައި ޓީސީޖީ ޑޯގަން (ޕީ-340)، ޓީސީޖީ މާޓި (ޕީ-341)، ޓީސީޖީ ޓައިފޫން (ޕީ-342) އަދި ޓީސީޖީ ވޮލްކަން (ޕީ-343) ހިމެނެއެވެ. މީގެ ތެރެއިން ޓީސީޖީ މާޓި ވަނީ 2022 ވަނަ އަހަރު ޚިދުމަތުން ވަކިކޮށްފައެވެ. އަދި ޓީސީޖީ ވޮލްކަން ވަނީ 1981 ވަނަ އަހަރުގެ މޭ މަހު ޚިދުމަތަށް ނެރެ، 2024 ވަނަ އަހަރު ތަޖުރިބާކުރުމާއި ތަމްރީނުދިނުމަށް ބޭނުންކުރާ އުޅަނދަކަށް ބަދަލުކޮށްފައެވެ.
މި އުޅަނދުތަކުގެ ދިގުމިނަކީ 58.1 މީޓަރެވެ. ފުޅާމިނަކީ 7.62 މީޓަރެވެ. އަދި ފުން މިނަކީ 2.74 މީޓަރެވެ. މި އުޅަނދުތަކަށް ގަޑިއަކު 70 ކިލޯމީޓަރުގެ ސްޕީޑުގައި ދުއްވޭނެއެވެ. އަދި އެއްފަހަރާ 1,940 ކިލޯމީޓަރު ދަތުރުކުރެވޭނެއެވެ. މި އުޅަނދުތަކުގައި 45 މުވައްޒަފުން މަސައްކަތްކުރެއެވެ.
މި އުޅަނދުތަކުގައި ހަތިޔާރުގެ ގޮތުގައި ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއި، 76 މިލިމީޓަރުގެ އޮޓޯ މެލާރާ ކަނޑުގެ ބޮޑުބަޑި، 35 މިލިމީޓަރުގެ އެއަރ ޑިފެންސް ބަޑި އަދި 7.62 މިލިމީޓަރުގެ ދެ މެޝިން ގަން ހިމެނެއެވެ. މީގެ އިތުރުން ވީއެމް-28/41 ރާޑާ، އެލްއައިއޯޑީ އެމްކޭ-2 ފަޔަރ ކޮންޓްރޯލް ރާޑާ އަދި ޑިކޯއި ލޯންޗަރތައް ވެސް ހިމެނެއެވެ.