އިސްރާއީލްގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރަން ދިވެހި ސަރުކާރުން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ހަރަކަތުލް މުގާވަމަލް އިސްލާމިއްޔާ (ހަމާސް) ޖަމާއަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ޝުކުރު އަދާ ކޮށްފި އެވެ.
ޣައްޒާއާ ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ހަގީގީ ޖިހާދެއް ކުރާ ޖަމާއަތަކީ ހަމާސް އެވެ. 18 އަހަރުގެ ހިސާރެއްގައި އޮތް ޣައްޒާ އަކީ ހަމާސްގެ ވެރިކަން ހިނގާ ހަމާސްގެ ކޮންޓްރޯލް އޮތް ސަރަހައްދެކެވެ.
އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާ ކުުރުމާއި ގުޅިގެން ހަމާސް އިން ވަނީ ދިވެހީންގެ އެ ނިންމުމުގެ އަގު ވަޒަން ކުރާ ކަމަށް ބުނެފަ އެވެ. އަރަބި ބަހުން އާންމު ކުރި ޕޯސްޓްގައި ބުނެފައި ވަނީ ރައީސްގެ އެ ނިންމެވުމަކީ ވަރަަށް ހިތްވަރު ގަދަ ނިންމެވުމެއް ކަމަށެވެ.
އަދި ގޮވާލީ ރާއްޖެ ނަމޫނާއަކަށް ބަލާ އިސްލާމީ ގައުމުތަކުން ވެސް އިޒްރޭލާ ދެކޮޅަށް މާނަވީ ފިޔަވަޅުތަކެއް އެޅުމަށެވެ.
ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.