ކުޅު ދިޔައިވެ، ލޮދި ފައިބަނީ ކީއްވެ!
ދެންމެ | 17 އޯގަސްޓް 2023

ކުޅަކީ އިންސާނާގެ އަނގައިގާ މާތް ﷲ ލައްވާފައިވާ ވަރަށް އާދަޔާ ހިލާފު އެއްޗެކެވެ. ކުޅުގެ 99.5 އިންސައްތަ އަކީ ފެނެވެ. ކުޅުގެ 0.5 އިންސައްތަ ހިމެނެނީ ޕްރޮޓީން އާއި އެލެކްޓްރޯލައިޓްސް އަދި ލިޕިޑްސް އެވެ. އޭގެ ތެރެއިން ޕްރޮޓީންގައި ހުންނަ އެމިލޭސް ނަމަކަށް ކިޔާ އެންޒައިމް އަކީ އަނގައިގެ ތެރޭގައި ކާއެއްޗެހި ހަޖަމުކުރަން ފަސޭހަކޮށްދިނުމަށް (މައިދާއަށް ދިޔުމުގެ ކުރިން) އެހީތެރިވެދިނުމަށް މުހިއްމު އެންޒައިމެކެވެ.

 

އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ކުޅު ދިޔާވުމޭ ބުނާ ބަހަކީ އާއްމު ބަހެކެވެ. ކާއެއްޗެއް ފެނި، ނުވަތަ އޭގެ ވަސް ޖެހުމުން ކުޅުދިޔާވަނީއޭ އަހަރެމެން ބުނަމުއެވެ. ދުވާކަލީ މިގޮތަށް ކުޅު ދިޔާވެދާނެތޯއެވެ؟ އާދޭހެވެ! ބަހުގެ ގޮތުން ކުޅު، ދިޔާ ނުވެދާނެއެވެ. ނަމަވެސް މާނަވީ ގޮތުން ކުޅުދިޔާވުން ބޭނުންކުރަނީ އަނގައިގެ ތެރޭގައި ކުޅު ގިނަ ވުމަށެވެ. ކާއެއްޗެއް ފެނި ނުވަތަ އޭގެ ވަސް ޖެހުމުން އަނގައިގެ ތެރޭގައި ކުޅު ގިނަވެދާނެއެވެ. ކުޅުދިޔާވެދާނެއެވެ. މިއީ އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ ސިފައެކެވެ. އަދި މިއީ ހަގީގަތެއްވެސް މެއެވެ.

 

އެމެރިކަން ކެމިކަލް ސޮސައިޓީ އިން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ކުޅުދިޔާވުމުގެ ފަހަތުގައި ސިއްރުތަކެއް ވާކަމެށެވެ. އެގޮތުން އިންސާނާގެ ސިކުނޑި އަކީ ފެންނަ ފެނުމަށާއި އިވޭ އަޑުތަކާއި ދުވާ ވަސްވަހަށާއި އަދި ހިތައް އަރާ ހިޔާލުތަކަށް ރައްދުދޭ ތަނެކެވެ. އެގޮތުން މީރު ކާ އެއްޗެއް ލޮލަށް ފެނި، ނުވަތަ އޭގެ ވަސް ދުވާ ނުވަތަ ކާއެއްޗެއްގެ ހިޔާލުކުރެވޭނަމަ ސިކުނޑި އެއަށް ދޭ ރައްދެއްގެ ގޮތުން އަނގައިގެ ތެރޭ ކުޅު އުފައްދައިދޭ މިންވަރު އިތުރުވާނެއެވެ. މިކަން މިހެން ހިނގަނީ އިސްވެ ބުނެވުނު ފަދައިން ކުޅަކީ ހަޖަމް ކުރުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ވުމުން، އިންސާނާގެ ސިކުނޑީގައި އެ ވާ ކާ އެއްޗެއްގެ ސިގުނަލްތަކުން، ކުޅު އުފައްދައިދޭ ނިޒާމަށް ސިގުނަލް ކުރާތީއެވެ.

 

އެމެރިކަން ކެމިކަލް ސޮސައިޓީގެ އިސް ބޭފުޅެއް ކަމަށްވާ ހާދީ ފާރިސް ވިދާޅުވާ ގޮތުގައި ކުޅުދިޔާ ވުމަކީ އިންސާނާގެ ހަށިގަނޑުގައި ”ރިފްލެކްސް ސިސްޓަމް“ ގެ ބައެކެވެ. އެއީ އާދައިގެ އާއްމު ކަމެކެވެ. އޭނާ އިތުރަށް ފާހަގަ ކުރި ގޮތުގައި އަނގައިގެ ހަރަކާތަކީވެސް މިފަދައިން ކުޅުދިޔާ ކުރުވާނެ ކަމެކެވެ. އެހެނީ އަނގައިގެ އެ ހަރަކާތުން ސިކުނޑިއަށް ފޯރާ މެސެޖުގެ ސަބަބުން، ކާއެއްޗެއް ހެފުމުގެ ސިގުނަލް ކުރެވި، ކުޅު އުފައްދައިދޭ ނިޒާމަށް ސިކުނޑިން ސިގުނަލް ކުރުވާތީއެވެ. ގިނައިރު ވާހަކަ ދައްކާއިރު، ކުޅު ގިނަވަނީ މިހެންވެގެންނެވެ. އަސްލަކީ އިސްވެ ދެންނެވި ސިގުނަލްތަކުގެ ސަބަބުން ކުޅު އުފެދުމެވެ. ނަމަވެސް ވާހަކަ ދައްކާއިރު ކުޅު އުފެދޭ ކަމީވެސް ރަހުމަތެކެވެ. އެހެނީ ވާހަކަ ދައްކާއިރު އަރުތެރެ ހިކުނަ ނުދީ ހިފަހައްޓައިނުމަށް މިކަމުން އެހީތެރިވެދޭނެތީއެވެ.

 

ކޮންމެ އަކަސް އަހަރެމެންނަށް އެނގިގެން މި ދިޔައީ ކުޅުދިޔާ ވުމަކީ ހަގީގަތެއް ކަމެވެ. އަދި އެކަން މެދުވެރިވާން ދިމައިވާ ކަންކަމަކީ ކޮބައިކަމާއި އެކަމުގެ ސިއްރަކީ ކޮބައިކަންވެސް އެނގިގެން ހިނގައްޖެއެވެ. އިންސާނާގެ ސިއްހަތުގައި މިއީވެސް ފުރިހަމަ ނިޒާމެކެވެ. އިންސާނާގެ ހަށިގަނޑުގައި މިއީ އަޖައިބެއްކަހަލަ ނިޒާމެކެވެ.

ގުޅުންހުރި ލިޔުންތައް