ޑިޖިޓަލް ދާއިރާ އިން ރާއްޖެ އަށް އިންގިލާބީ ބަދަލެއް ގެނައުމަށް މޯލްޑިވްސް 2.0 ސަމިޓް އިފުތިތާހުކޮށްފި
ދެންމެ | 09 މެއި 2025

ރާއްޖެ އަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި ”މޯލްޑިވްސް 2.0“ މިރޭ އިފުތިތާހުކޮށްފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ހުޅުވި ބާސެލޯ ނަސަންދުރައިގައި މިހާރު ބާއްވަމުން އަންނަ ރަސްމިއްޔާތުގައި މޯލްޑިވްސް 2.0 އިފުތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ދުނިޔޭގައި ޑިޖިޓަލް ދާއިރާ އިން ކުރިއަރާފައިވާ ގައުމުތަކާއި ރާއްޖޭގައި އެ ދާއިރާ އިން ތިއްބެވި ތަޖުރިބާކާރު ބޭފުޅުންގެ އެހީގައި އެ ސިޔާސަތު ތަންފީޒު ކުރުން މިރޭ ފެށުނީ ކަމަށެވެ.

އިހުސާން ވިދާޅުވިގޮތުގައި ދައުލަތުގެ ހުރިހާ އިދާރާތައް ހިމެނޭ ގޮތަށް ދެ ދުވަހުގެ ސަމިޓެއް ކުރިއަށް ގެންދާނެ އެވެ.

ރާއްޖެ ޑިޖިޓަލައިޒް ކުރާނެ ގޮތާ މެދު ފުޅާދާއިރާއެއްގައި އެ ސަމިޓުގައި ބަހުސްކޮށް، ހުރިހާ އިދާރާތަކުން އެއްބަސްވާ ކަންކަން ނިންާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

”ރާއްޖޭގެ ޑިޖިޓަލް ޓްރާންފޮމޭޝަން އެޖެންޑާއަށް އެއްބަސްވެވިގެންދާނެ [ސަމިޓުގައި]. މާތްﷲ އިރާދަކުރެއްވިއްޔާ ރައީސްގެ ޑިޖިޓަަލައިޒޭޝަން ސިޔާސަތު ތަންފީޒު ކުރުމުގެ އަމަަލީ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެ،“ އިހުސާން ވިދާޅުވި އެވެ.

ރާއްޖެ އަށް ޑިޖިޓަލް ޓްރާންސްފޯމޭޝަނެއް ގެނައުމަށް ކުރަމުންދާ އެ މަސައްކަތް ކުރިއަށް ގެންދާނީ ރައީސް މުއިއްޒު ޗެއާ ކުރައްވާ އަދި އެ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ޑިޖިޓަލް ޓްރާންސްފޯމޭޝަން ކައުންސިލްގެ ދަށުންނެވެ.

އިހުސާން ވިދާޅުވީ އެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރާނީ ހޯމް މިނިސްޓްރީ އާއި އެންސީއައިޓީ އާއި ޓްރޭޑް ނެޓުގެ ފަންނީ މުވައްޒަފުންގެ އެހީގައި ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި އެސްޓޯނިއާގެ ޑިޖިޓަލް ކައުންސިލްގެ މެމްބަރު އަދި އެސްޓޯނިއާގެ އީ-ގަވަނަންސް އެކަޑަމީގެ ކޯ ފައުންޑަރު ލިނާވިކް ވިދާޅުވީ މިފަހުން ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކި ފަހަރު މަތިން ބައްދަލުކުރައްވައި މިކަމުގެ މަޝްވަރާތައް ކުރެއްވި ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެ އާއި އެސްޓޯނިއާއަކީ ވެސް ކުޑަ ދެ ގައުމު ކަމަށާއި ކުދި ގައުމުތަކުގެ އެންމެ ބޮޑު އެސެޓަކީ އަމާޒެއް އޮތުން ކަމަށެވެ. ދާންވީ ކޮން މިސްރާބަކަށް ކަމާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް އެނގިފައި އޮތުން ކަމަށް ވިދާޅުވި އެވެ.

ލިނާވިކް ވިދާޅުވި ގޮތުގައި ކޮންމެ ދުވަހަކު ކުޑަ ފިޔަވަޅެއް އެޅުނު ކަމުގައި ވިޔަސް އޭގެ ސަބަބުން ވަރަށް ބޮޑު އިމްޕެކްޓެއް އަންނާނެ އެވެ.

އޭނާ ވިދާޅުވީ އެއްވެސް ގައުމަކީ އަމިއްލަ އަމިއްލަ އަށް ޑިޖިޓަލް ޓްރާންސްފޯމޭޝަނެއް ގެނެވޭނެ ގައުމެއް ނޫން ކަމަށާއި އެއީ ބަޔަކާ ގުޅިގެން ނުވަތަ ބައިނަލްއަގްވާމީ ފަރާތްތަކުގެ ބައިވެރިވުމާއެކު ގެނެވޭނެ ބަދަލެއް ކަމަށެެވެ. އަދި އަވައްޓެރި ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ އެހީތެރިކަމާ އެކު ހާސިލުކުރެވޭނެ ކަމެއް ކަަމަށް އޭނާ ވިދާޅުވި އެވެ.

ލިނާވިކް ވިދާޅުވީ އެތައް ޒަމާންތަކެއް ވަންދެން އޮފީސްތަކުން މަސައްކަތް ކުރަމުން އައި ގޮތް ބަދަލުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެސްޓޯނިއާ އަކީ ވެސް ގިނަ ބަޔަކު ރޫރަލް ހިސާބުތަކުގައި އުޅެމުން އަންނަ ގައުމެއް ކަމަށާއި ސަރުކާރުގެ އޮފީސްތަކަށް ގޮސްގެން އެ މީހުން ހިދުމަތް ހޯދަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ. އެ ގައުމާއި ރާއްޖޭގެ އެއްގޮތް ކަމަކީ ރާއްޖެއަކީ ވެސް އެކި ހިސާބުތަކުގައި ރަށްތަށް އުފެދިފައިވާ ގައުމަކަށް ވުން ކަމަށް ވާއިރު ހިދުމަތް ފުޅާކުރަން ބޭނުން ނަމަ ޑިޖިޓަލް ހިދުމަތްތައް ރަނގަޅުކުރުމާ އެކު މީހުންގެ އިތުބާރު ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ލިނާވިކް ވިދާޅުވީ ރޯޑްމެޕެއް ހަދައިގެން، އަދި އެންމެން ގުޅިގެން މިކަން ހާސިލުކުރަން އުޅޭ ނަމަ ރާއްޖެ އަށް ކާމިޔާބުކުރެވޭނެ ކަމަށެވެ. އެކަމުގައި އެސްޓޯނިއާ އިން ދޭންޖެހޭ އެހީ އާއި ލަފާ ދިނުމުގައި އަބަދުވެސް ރާއްޖެއާ އެކު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!