މަންކީޕޮކްސް އަށް ތައްޔާރު: އެސްޓީއޯ
ދެންމެ | 03 އޯގަސްޓް 2022

މަންކީޕޮކްސް ރާއްޖެއަށް އަތުވެދާނެ ހާލަތަކަށް ތައްޔާރުވަމުން އަންނަ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯގެ މެޑިކަލް ސާވިސަސް އިން ކުރި ޓްވީޓެއްގައި ބުނީ މަންކީޕޮކްސް އަކީ ކަށިވިދުރި އާއިލާގެ ވައިރަހަކުން ޖެހޭ ބައްޔެއް ކަމަށާއި އެ ބަލީގެ އަލާމާތްތަކާއި ނުރައްކާތެރިކަން ކުޑަ ނަމަވެސް ރާއްޖެއަށް އެވަލި އަތުވެދާނެ ހާލަތަކަަށް އެސްޓީއޯއިން ތައްޔާރުވަމުންދާ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި މަންކީޕޮކްސް ރާއްޖެއަށް އަތުވެދާނެ ހާލަތަކަށް ތައްޔާރުވުމަށް ކަށިވިދުރީގެ ވެކްސިން ރާއްޖެއިން ލިބޭނެ ގޮތް ހެދުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާއި ސަޕްލަޔަރުންނާ އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އަދި ބައްޔަށް ޓެސްޓު ކުރުމަށާއި ފަރުވާ ދިނުމަށް ސިއްހީ އިދާރާތަކަށް ބޭނުންވެދާނެ ތަކެތި ދެނެގަނެ އެފަދަ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

މީގެ އިތުރުން ބަލި ފެތުރުން ހުއްޓުވުމަށް އެހެން ޤައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތައް ބަލައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އަޅާފާނެ ފިޔަވަޅުތަކަށް ވިސްނައި، އާއްމުންގެ ދިރިއުޅުމަށް ދަތި ނުވާނެހެން ހިދުމަތްތައް ލިބޭނެ އިންތިޒާމު ރާވައި ހަމަޖައްސަމުން ދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް