އިސްލާމް ދީން ހިމާޔަތް ކުރަން ވަކި ބަޔަކު ނުޖެހޭނެ: އިބްރާ
ދެންމެ | 16 ޖުލައި 2022

މާތް ﷲ ގެ ދީން ވަނީ ފުރިހަމަ ކުރައްވާފައި ކަމަށާއި އެ ކަން އެހެން އޮތްއިރު ދީން ހިމާޔަތް ކުރަން މި އުޅެނީ ކޮންބައެއްތޯ އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ސުވާލުކުރައްވައިފިއެވެ.

އިބްރާ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ޢަދާލަތު ޕާޓީން އިސްލާމްދީން ހިމާޔަތްކުރާނެކަމަށް ބުނެ އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވާހަކަ ދައްކަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަބޫލުކުރެވުނަސް ނުކުރެވުނަސް ވޭތުވެދިޔަ ތިން އަހަރާ ބައި ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިޔަސް ޢަދާލަތުގެ ޢިލްމުވެރިންނަށްވުރެ ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މި ރާއްޖެއަކު ނޯންނާނެ ކަމަށެވެ. އަދި އެ ޕާޓީ އުފެއްދީ އިސްލާމީ އުސޫލުތައް ނެގެހެއްޓުމަށް ކަމަށާއި ދެމި ތިބޭނީ އެ ޒިންމާ އަދާކުރުމުގައިކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ މާތް ﷲ ގެ ދީން ވަނީ ފުރިހަމަ ކުރައްވާފައި ކަމަށާއި ދީން ހިމާޔަތް ކުރައްވާނެ ކަމަށް އަންގަވާފައެވެ.

“ދެން ކޮން ބައެއްތަ މިއުޅެނީ ދީން ހިމާޔަތް ކުރަން“ އިބްރާ ސުވާލު ކުރެއްވިއެވެ.

އިބްރާ ވިދާޅުވީ ކީރިތި ޤުރުއާން ދެމި އޮތްހައި ދުވަހަކު އިސްލާމްދީން ދެމި އޮންނާނެ ކަމަށާއި ޤުރުއާން ނެތިކޮށެއް ނުލެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!