ސިޔާސަތަކީ ވާލާއި ކާޅު ފަދަ ދޫނިސޫފާސޫފި ނުމަރައި އެއާ އެކު، އުޅެން ދަސްކޮށްދިނުން ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.
ވާލާއި ކާޅުގެ އުނދަގޫ ވާ ކަމަށް ބުނެ އާންމު ރައްޔިތަކު މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ”އަހާ“ ފޯރަމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވަނީ އެ ތަކެތި މަރަން ބޭނުން ނުވާ ކަމަށާއި އެއާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެ ވާހަކަތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ދީދީ ވަނީ ކާޅަކީ އައްޑޫގައި ދިރިއުޅޭ ހިމާޔަތް ކޮށްފައިވާ ދޮންދީނިތަކަށް ހުރި ނުރައްކަލެއް ކަން ފާހަގަކޮށް، އައްޑޫ ރައްޔިތުންނަށް ވެސް އޮތީ ކާޅާއި ވާލާ އެކު އުޅުންތޯ ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، ކާޅާއި ވާލާއެކީގައި އުޅެން އަޅުގަނޑުމެން ހަގީގަތުގައި ވެސް ދަސްކުރަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދޫނިސޫފާސޫފީގެ ސަބަބުން އާންމުންނަށް އުނދަގުލަކަށް ވެފައިވަނީ އެ ތަކެތި ދިރިއުޅެމުން ދިޔަ ތަންތަން ހަލާކުވުމުގެ ސަބަބުން ކަމަށެވެ. އޭގެ ސަބަބުން ކާޅާއި ވާލު ގޭގޭގެ ގަސްތަކުގައި ހުންނަ މޭވާ ކާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ މިހާރު ޖެހިގެން އުޅޭ މައްސަލަތައް ޖެހެނީ ދިރޭ ތަކެތީގެ މާހައުލު ރައްކާތެރިކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކަމަށެވެ.
”އަޅުގަނޑުމެން ގަސްދު ކުރަނީ ދޫނި ސޫފާ ސޫފި މަރައިގެން އެ މައްސަލަ ހައްލު ކުރާކަށް ނޫން. ނައްތާލައިގެން ހައްލު ކުރާކަށް ނޫން. އެއާ އެކީގައި އުޅެން، އެ އަށް ވެސް އުޅެން ދަސްކޮށްދީގެން މަސައްކަތް ކުރަން،“ މާރިޔާ ވިދާޅުވި އެވެ.
އެއާ އެކު އުޅެން ދަސްކުރުމަށް އޮތް އެންމެ މުހިންމު އެއް ކަމަކީ ގިނައިން ގަސް އިންދުން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އައްޑޫގައި ދޮންދީނި ހިމާޔަތް ކުރުމަށް މަސައްކަތްތައް ކުރަން ޖެހޭކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެކަމަށް އެންވައިރަމެންޓް މިނިސްޓްރީ އާއި އީޕީއޭއާ މަޝްވަރާކޮށް މެނޭޖްމަންޓް ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ކަން ހައްލު ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ.