ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި މީހަކު ގެއްލިގެން ހޯދަން ފަށައިފި
ދެންމެ | 12 ނޮވެމްބަރ 2022

ގދ. ވާދޫގެ 12 ނޯޓިކަލް މޭލު ބޭރުން ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓަކުން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ދެންމެ ބުނީ ވާދޫ ކުޑަކަނޑާ ދިމާލުން 12 މޭލު ބޭރުން ލޭންޑިން ކްރާފްޓެއް ބަނޑުން ޖަހާލައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 1:25 ހާއިރު ލިބިފައިވާ ކަމަށެވެ. ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް ކައިރީގައި ވާދޫ ސީވީޑް ދޯނި ހަރަކާތްތެރިވަމުންދާ ކަމަށާއި އޭގެން ދަތުރުކުރި ތިން މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ދޯނިން އެކަކު ގެއްލިފައިވާ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. ގެއްލިފައިވަނީ ކޮން ގައުމެއްގެ މީހެއް ކަމެއް ސާފެއް ނޫނެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ގދ. ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ”ލިއޯ ސަކްސަސް“ ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއްގެ ބެޓެރި ފެއިލްވެ، ދިޔަވުމުގެ ސަބަބުން ބައްޑުން ޖަހާލާފައިވާ ކަމަށެވެ. އަދި އޭގެން ދަތުރުކުރި އެކަކު ގެއްލިގެން ހޯދުމަށް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރާކާތްތެރިވަމުންދާ ކަމަށެވެ.

މި ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ގދ. ވާދޫ ސީވީޑް ދޯނީގެ ފަޅުވެރިއެއް ކަމަށްވާ މުހައްމަދު އަރުޝަމް ”ވަން“ އަށް މިއަދު ބުނީ މީގެ ގަޑިއެއްހާއިރު ކުރިން ބަންޑުން ޖަހާލާފައި އޮތް ލޭންޑިން ކްރާފްޓެއް ފެނިފައިވާ ކަމަށެވެ.

އޭގެން ދަތުރުކުރި ތިން މީހަކު އެ ލޭންޑިން ކްރާފްޓްގެ މަތީގައި ތިއްބައި ފެނިފައިވާ ކަމަށާއި އެމީހުން ވަގުތުން ދޯންޏަށް ނަގާފައިވާ ކަމަށެވެ. އަދި އެ އެންމެންގެވެސް ހާލު ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

”އަޅުގަނޑުމެން މަސްވެރިކަން ކުރަމުން ދަނިކޮށް ބޯޓެއް ކަހަލަ އެއްޗެއް ބަންޑުން ޖަހާލާފައި އޮއްވައި ފެނިގެން ގާތްކުރީ. ދެން މި އެނގުނީ ލޭންޑިން ކްރާފްޓެއްކަން. އޭގެ މަތީގަ ދެ ދިވެހިންނާއި އިންޑިއާގެ އެކަކު އިނީ. ވަގުތުން އެމީހުން ދޯންޏަށް ނެގީމަ ބުނީ އެކަކަު ގެއްލިއްޖެ އޭ. ހަތަރު މީހުން ތިބޭނެއޭ އޭގަ. އެމީހުން ބުނީ މިއަދު ހެނދުނު 9:30 އާ 10:00 އާ ދޭތެރޭގަ އެ ބަންޑުން ޖަހާލި ކަމަށް،“ އޭނާ ބުންޏެވެ.

އަރުޝަމް ބުނީ މިހާރު އެމްއެންޑީއެފާއި ފުލުހަށްވެސް އަންގާފައިވާ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް އެ ދޯނީގެ ފަޅުވެރިން ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށެވެ. އަދި ކޯސްޓްގާޑު އެ ސަރަހައްދަށް މިހާރު ދަތުރުކުރަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.

މިއީ ލިއޯ ޓްރޭޑިން ކުންފުނީގެ ލޭންޑިން ކްރާފްޓެއްކަން ވަނީ އެނގިފައެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!