ރާއްޖޭގައި ގިނަ ދަރިން ނުހޯދަނީ ގެދޮރާއި މާލީ ދަތިކަމުގެ ސަބަބުން ކަމަށް ގައުމީ ޔުނިވާސިޓިއާއި ޔޫއެންއެފްޕީއޭއާ ގުޅިގެން ހެދި ”ރާއްޖޭގައި އިޖުތިމާއީ އަދި އިގުތިސާދީ ސަބަބުތަކުގެ ސަބަބުން ދަރިމައިވުން ދަށްވުން“ މައުޟޫއަށް ހެދި ދިރާސާއިން ދައްކައިފި އެވެ.
އެ ދިރާސާ ހެދުމުގެ ގޮތުން ދިރާސާގައި ވަނީ 18 އަހަރާއި 49 އަހަރުގެ 479 އަންހެނުން ބައިވެރިކޮށްފަ އެވެ. އެ މީހުންގެ ތެރޭގައި ހިމެނޭ ފޯކަސް ގްރޫޕު ޑިސްކަޝަންގައި ފިރިހެނުންނާއި ސިއްހީ ދާއިރާގެ މީހުން ބައިވެރިކުރި އެވެ.
ދިރާސާއަށް މައުލޫމާތު އެއްކުރި އަންހެނުންގެ އެވްރެޖު އުމުރަކީ 32.8 އެވެ. ބައިވެރިވި 10 ޕަސެންޓް މީހުން ކައިވެނި ނުކޮށް ތިބިއިރު 83 ޕަސެންޓު މީހުންނަކީ އެ މީހުންގެ ފުރަތަމަ ކައިވެނި މަތީގައި ތިބި އަންހެނުންނެވެ.
ދިރާސާގައި ބައިވެރިވި 33 ޕަސެންޓް މީހުން ބުނީ އެ މީހުންނާ އެކު ދަރިން ދިރިނޫޅޭ ކަމަށެވެ. އަދި 27 ޕަސެންޓު މީހުންނަށް އަދި ދަރިން ނުލިބޭ ކަމަށް ދިރާސާގައި ބުންޏެވެ. 55.5 ޕަސެންޓު އަންހެނުން ބުނި ގޮތުގައި ބޭނުންވިއަސް ގިނަ ދަރިން ނުހޯދަނީ ދިރިއުޅޭނެ ޖާގަ ނެތުމުންނެވެ. ދެ ވަނައަށް، 40.9 ޕަސެންޓު އަންހެނުން ބުނީ ގިނަ ދަރިން ނުހޯދަނީ މާލީ ދަތިތަކާ ހެދި ކަމަށެވެ. ސިއްހީ ސަބަބުތަކާ ހެދި، ދެ ވަނަ ދަރިފުޅު ނުހޯދާ ކަމަށް 27 ޕަސެންޓު މީހުން ބުނެފައިވެ އެވެ.
މާލީ ދަތިކަމާއި ގެދޮރުގެ ދަތިކަން ހައްލުވެއްޖެ ނަމަ ގިނަ ދަރިން ހޯދަން ބާރު ލިބޭނެ ކަމަށް 43.3 އަންހެނުން ދިރާސާއަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ. 16.8 ޕަސެންޓު އަންހެނުން ބުނެފައިވަނީ ޖާގަ ތަނަވަސް ގެދޮރުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް ގިނަ ދަރިން ހޯދުމަށް މަގުފަހިކޮށްދެވޭނެ ކަމަކަށް ވާނެ ކަމަށެވެ. ތިން ވަނައަށް އެންމެ ގިނަ މީހުން ބުނެފައިވަނީ ހިލޭ ގެދޮރު ހޯދައިދިނުން ކަމަށެވެ.