ކަސްރަތެއް ގޮތުގައި ޔޯގާ ހުއްދަ: މައުމޫން
ދެންމެ | 27 ޖުލައި 2022
ކަސްރަތުގެ ގޮތުގައި ޔޯގާ ހެދުމަކީ ހުއްދަ ކަމެއް ކަމަށާއި އެއީ ހަރާމް ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށް ބުނެ އެއީ މުސްލިމުންނަށް ހަރާމް ކަމެއް ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުން ވަނީ ނިންމާފައެވެ. އެކަމާ ގުޅިގެން ދީނީ އިލްމްވެރިންގެ މެދުގައި ބަހުސް އުފެދިފައިވާ މި ދަނޑިވަޅުގައި ރައީސް މައުމޫން ވިދާޅުވީ ޔޯގާއަކީ ޞިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަން ހިފެހެއްޓުމަށް ކުރާ ކަސްރަތުތަކެއް ކަމަށެވެ.

ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އާދައިގެ ކަސްރަތެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. މީގެ އިތުރުން އެއީ ހަރާމްކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ޔޯގާ އާއި އިސްލާމްދީނާ ގުޅުވައިގެން ދެއްކޭނެ ވާހަކައެއް ނެތް ކަމަށެވެ. ސަބަބަކީ އިސްލާމްދީން ބިނާވެފައި ވަނީ ގުރުއާނާއި ސުންނަތުގެ މައްޗަށް ކަމަށް ވާއިރު ޔޯގާގެ ވާހަކަތައް އައިސްފައި ނެތުން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ހަރާމްވާނީ މާތް ﷲ ހަރާމް ކުރެއްވި ކަންތައްތައް ކަމަށެވެ. އަދި އެކަލާނގެ ހަރާމް ކަމަށް ނާންގަވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމަށް މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން ޔޯގާ ވިޔަސް އަދި އެހެން ހަރަކާތެއްގައި ވެސް ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރުމުގެ ތަސައްވުރު ނުވަތަ ހިޔާލު ގެންގުޅޭ ނަމަ އެކަން ވާނީ ޝިރުކަށް ކަމަށް މައުމޫން ވިދާޅުވިއެވެ.

ޔޯގާ ހެދުމަކީ ހުއްދަ ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވި ނަމަވެސް ރާއްޖޭގެ ދީނީ ގިނަ އިލްމްވެރިން ވަނީ އެކަމަކީ ހުއްދަ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!