މާލޭ ސަރަހައްދުގެ ލޭބަރުން ސާރވޭއެއް ފަށައިފި
ދެންމެ | 19 މެއި 2025

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މާލެ ސަރަހައްދުގައި ލޭބަރ ފޯސް ސަރވޭއެއް ފަށައިފިއެވެ. މި ސަރވޭ ކުރިއަށްދާނީ މިމަހުގެ 18 އިން 24 ވަނަ ދުވަހުގެ ނިޔަލަށެވެ. ދިވެހިރާއްޖޭގެ ލޭބަރ މާކެޓާ ބެހޭ ސަރވޭތައް ކުރުމާއި ވަޒީފާގެ ބާޒާރާއި ބެހޭ ތަފާސްހިސާބު އެއްކުރުމަކީ ”ދިވެހިރާއްޖޭގެ ތަފާސްހިސާބު ޤާނޫނު“ ގެ ދަށުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެކެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކުރި ގޮތުގައި، މި ސާވޭގައި ހަތް މައިގަނޑު ދާއިރާއަކުން މަޢުލޫމާތު އެއްކުރެވޭނެއެވެ. އެއީ ތަޢުލީމު، ހިޖުރަކުރުން، ވަޒީފާއާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްސީލް، މީހުންގެ އާންމު މަޢުލޫމާތު، އާމްދަނީ ލިބޭ މަސައްކަތް ހޯދާ އަދި ލިބިފައިނުވާ އާބާދީގެ ތަފްސީލް، ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރު އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ އާބާދީގެ ތަފްސީލެވެ.

މި ސާވޭގެ އަނެއް މުހިންމު މަޤްޞަދެއްގެ ގޮތުގައި ހިމެނެނީ ހިޖުރަކުރުމުގެ ރޭޓް ހޯދުމާއި، އާބާދީގެ ޕްރޮޖެކްޝަންތައް އަޕްޑޭޓްކުރުމަށް ބޭނުންވާ ޑޭޓާ އެއްކުރުމެވެ. މީގެއިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްވާ މިންވަރު ދެނެގަތުމަކީވެސް މި ސަރވޭގެ މުހިންމު މަޤްޞަދެކެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ފާހަގަކުރި ގޮތުގައި، މި ސާވޭގައި އެއްކުރެވޭ ވަކިފަރުދުންގެ އަދި ގޭބީސީތަކުގެ މަޢުލޫމާތުތަކަކީ ސިއްރެއްގެ ގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!